ޚަބަރު

ޙައްޖާ ބެހޭ ޤާނޫނުގެ ޑްރާފްޓް އޭޖީއަށް ފޮނުވުމުގެ މަރުހަލާގައި

ޙައްޖުވެރިންނަށާއި ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހަދާ ޙައްޖާއި ބެހޭ ޤާނޫނުގެ ފުރަތަމަ ޑްރާފްޓް މަސައްކަތް ނިންމާލައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ އެ ޤާނޫނުގެ ފުރަތަމަ ޑްރާފްޓްގެ މަސައްކަތް ނިންމާލާ އެޓަރނީ ޖެނަރަލްގެ ލަފަޔަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ އެޓަރނީ ޖެނަރަލްގެ އޮފީހަށް ފޮނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޙައްޖާ ބެހޭ ޤާނޫނެއް" ހެދުމުގެ މަސައްކަތް ފަށާފައިވާއިރު މީގެކުރިން ރާއްޖެއިން މީހުން ޙައްޖަށް ގެންދަނީ ވަކި ޚާއްސަ އުޞޫލެއް އެކުލަވާލައިގެންނެވެ. ޙައްޖާބެހޭ ޤާނޫނެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން ޙައްޖަށް ދާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުން ކަމަށާއި ވަކި ޤާނޫނެއް އެކުލަވާލާ ޤާނޫނުގެ ދަށުން އަމަލު ކުރަން ފެށުމުން މިހާރު ކުރިމަތިވަމުން އަންނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޙައްޖަށް ދާ މީހުންގެ އަތުން އިތުރަށް ނަގާ ފައިސާގެ މައްސަލައަކީވެސް ބޮޑު މައްސަލައަކަށްވެފައިވުމުން މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި "ހައްޖު ޕޯޓަލް"އެއް ތައްޔާރުކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށްޓަކައި ޙައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ޖަމާއަތްތަކަށްވެސް ވަކި އުޞޫލެއްގެ ދަށުން ހުއްދަ ދެމުން އާދެއެވެ. އެހެންނަމަވެސް ބައެއް ޖަމާއަތްތަކުން ޙައްޖަށް ދާ މީހުންގެ އަތުން އިތުރަށް ފައިސާ ނެގުމާއި ކޮރަޕްޝަންގެ މައްސަލަތައް ކުރިމަތިވެއެވެ. މިކަން ހައްލުކުރުމަށްޓަކައި ހައްޖު ޕޯޓަލް އެއް ޤާއިމްކުރާއިރު ޙައްޖަށް ދާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ވާންޖެހެނީ އެ ޕޯޓަލްގައެވެ. އަދި އެޕޯޓަލްގެ ޒަރިއްޔާއިން ހައްޖަށް ގެންދާ ޖަމާއަތްތަކުންދޭ ޚިދުމަތްތައް ފެންނަން ހުންނާނެކަމަށާއި ޙައްޖުވެރިޔާ ބޭނުންވާ ޖަމާއަތެއް އިޚްތިޔާރުކުރުމުގެ އިތުރުން ފައިސާވެސް ދެއްކުމަށް ހަމަޖެހިފައިވަނީ އެ ޕޯޓަލްއަށްކަމަށް އިސްލާމިކް މިނިސްޓަރ މީގެކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށްޓަކައި ކޮންމެ އަހަރަކުވެސް ސަޢުދީ އަރަބިއްޔާއިން 1000ކޯޓާ ދެއެވެ. އެހެންނަމަވެސް ކޯވިޑް 19އިގެ ސަބަބުން މިދިޔަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން އެއްވެސް ބަޔަކު ގޮސްފައެއް ނުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު މިހާލަތަށް އަންނަ ބަދަލުތައް ބެލުމަށްފަހު ހުޅުވާލާނެކަމަށެވެ.