ވިޔަފާރި

ރޯދަމަހު މުދަލުގެ އަގުތައް ކޮންޓްރޯލްކުރުމަށް އިކޮނޮމިކް މިނިސްޓްރީން ތައްޔާރުވެއްޖެ


ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގުތައް ބާޒާރުގައި އުފުލިގެން ދިޔުން ކޮންޓްރޯލްކުރުމަށް ވިޔަފާރިވެރިންނާއެކު ބައްދަލުވުންތައް ބާއްވަމުންދާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

އާއްމުކޮށް ކޮންމެ ރޯދަމަހެއްގައިވެސް ބައެއް ކަހަލަ ކާބޯތަކެތީގެ ބާވަތްތަކަށް އޮންނަ ޑިމަންޑު އުފުލި ބާޒާރުން މި ތަކެތި ހުސްވެ އަގުތައް އުފުލިގެންދާތަން ފެނެއެވެ. އެހެން ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ކޮންމެ އަހަރަކުވެސް އަގުތައް ކޮންޓްރޯލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ.

އަގުތައް އުފުލިގެން ދިޔުން ހުއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެއްސްއެމް ނިއުސްއާއި ވާހަަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ އަބްދުﷲ ޝަކީބް ވިދާޅުވީ ވިޔަފާރިވެރިންނާއެކު ބައްދަލުވުންތައް ބާއްވާ ރާއްޖެއަށް މުދާ އެތެރެކުރުމުގައި އާއި މުދާ ރާއްޖެއާއި ހަމައަށް ގެނައުމުގައި ހުރި ދަތިތައް އޮޅުން ފިލުވަމުންދާކަމަށެވެ.

ޝަކީބް ވިދާޅުވީ އެހެން އަހަރުތަކުގައިވެސް ރޯދަމަހަށް ޙާއްސަކޮށް މިފަދަ ބައްދަލުވުންތައް ވިޔަފާރިވެރިންނާއެކު ބާއްވަމުންދާ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ހުރި ދަތިތަކުގެ މައުލޫމާތުތައް ހޯދާ، ހައްލުތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި މިއީވެސް ތަކެތީގެ އަގުތައް އުފުލިގެން ދިޔުން މަދުކުރުމަށް އެމިނިސްޓްރީން ކުރާ މަސައްކަތްތަކެއްކަމަށް ޝަކީބް ވިދާޅުވިއެވެ. ރޯދަމަހު އެންމެ ޑިމާންޑު ބޮޑުވާ ބާވަތްތައް އެސްޓީއޯއިންވެސް ދަނީ ރާއްޖެއަށް އެތެރެކޮށް ޙާއްސަ އަގުތަކެއްގައި ވިއްކަމުންނެވެ. އެގޮތުން އެކުންފުނިން ރޯދަ ޙާއްސަކޮށްގެން ރާއްޖެއަށް އެތެރެކުރަނީ ފިޔާ، ބިސް އަދި އަލުވިއެވެ.

އެސްޓީއޯއިން ހާމަކުރާގޮތުގައި މިއަހަރުވެސް ރޯދަމަހު މި ބާވަތްތައް ހުސްނުވެ އެސްޓީއޯއިން ވިއްކަމުންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މީގެ ތަފްސީލްތައް ހިއްސާކުރަމުންދާނެ ކަމަށްވެސް އެސްޓީއޯއިން ހާމަކުރެއެވެ.

އެސްޓީއޯގެ އިތުރުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކުންވެސް ދަނީ ރޯދައާއި ދިމާކޮށް ޙާއްސަ އަގުތަކެއްގައި ތަކެތި ވިއްކުމަށް ނިންމާފައެވެ. އެގޮތުން ދާދިފަހުން ރެޑް ވޭވްއިންވެސް ވަނީ ރޯދަމަހާއި ދިމާކޮށް ފިޔާ، ބިސް އަދި އަލުވި ޙާއްސަ އަގުތަކެއްގައި ވިއްކަން ނިންމާފައިވާކަމަށް ބުނެފައެވެ.