ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލަށް ޗެމްޕިއަން ބަޔާން


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލުން އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކްއާޓަރ ފައިނަލުން ބަޔާން ޖާގަހޯދީ ފަހު 16 ޓީމްގެ ބުރުގައި އިޓާލިއަން ސެރީއާގެ ލާޒިއޯއާއި ބައްދަލުކުރި ދެ ލެގްގެ މެޗް 6 ލަނޑު 2 ލަނޑުގެ އެގްރިގޭޓުންނެވެ.

ދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 4 ލަނޑު 1 ލަނޑުގެ ބޮޑު ތަފާތަކުން ބަޔާން ކާމިޔާބުކުރިއިރު ރޭ ކުޅުނު ދެވަނަ ލެގް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާ އުފެއްދީ ބަޔާންއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ބަޔާންގެ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިމެޗްގައި ބަޔާންގެ ދެވަނަ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހައިދިނީ ލެވަންޑޯސްކީގެ ބަދަލުގައި ކުޅެން ނިކުން އެރިކް މެކްސިމް ޗޯޕޯ މޯޓިންގއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާގެ ފުރުސަތު ބަޔޭންއަށް ލިބި ބޭކާރުވިތަން ފެނިގެންދިޔައެވެ.

މި މެޗްގައި ލާޒިއޯއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހައިދިނީ މާކޯ ޕަރޯލޯއެވެ.

މިކާމިޔާބީއާއެކު މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ބަޔާން ދަތުރުކޮށްފައިވާއިރު ކުއާޓަރ ފައިނަލްގައި ބައްދަލުކުރަން ބޭނުން ނުވާ ޓީމެއްގެ ނަން ހާމަކުރަން ބޭނުން ނުވާކަމަށް ބަޔާންގެ ކޯޗް ހެންސީ ފްލިކް ވަނީ ބުނެފައެވެ. އޭނާ ބުނީ ކުޅެން ބޭނުންނުވާ ޓީމެއްގެ ނަން ބުނެފިއްޔާ ޔަގީނުންވެސް ދެން އަންނަ ބުރެއްގައި ވާދަކުރަންޖެހޭނީ އެޓީމަކާކަމަށެވެ. އަދި މިމެޗްގައި އޭނާގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ލާޒިއޯއިން ވަރަށް ރަނގަޅަށް ޑިފެންޑް ކުރިކަންވެސް ހެންސީ ފްލިކްސް ބުންޏެވެ.

ލާޒިއޯގެ ކޯޗް ސިމޯނީ އިންޒާގީ ބުނީ ބައެއް ޓީމުތަކަކީ ވާދަކުރެވޭވަރަށްވުރެ ފެންވަރު ރަނގަޅު ޓީމްތައް ކަމަށާއި ބަޔާންއަކީ އޭގެތެރެއިން އެއް ޓީމު ކަމަށެވެ. އަދި މިމެޗްގައި އޭނާގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށްވެސް އިންޒާގީ ބުންޏެވެ.