ކުޅިވަރު

ނެޓްސް އާއި ޕޭސަރސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 124 ޕޮއިންޓް 115 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެސްޓްގެ ޖޭމްސް ހާޑެން ވަނީ އޭޓީމަށް 40 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 15 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ. މިއީ މިސީޒަންގައި އޭނާ ހެދި 11 ވަނަ ޓްރިޕްލް ޑަބަލްއެވެ. ނެޓްސްގެ މުހިންމު ދެކުޅުންތެރިން ކަމަށްވާ ކައިރީ އަރވިންގ އާއި ކެވިން ޑުރާންޓް އަނިޔާގެ ސަބަބުން މިމެޗްގައި ނުކުޅު ނަމަވެސް އެތަން ހާޑެންގެ މޮޅު ކުޅުމުގެ ސަބަބުން ދައްކާފައެއް ނުވެއެވެ. މިމެޗްގައި ޕޭސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގާ 11 އެސިސްޓް ދީ ޓްރިޕްލް ޑަބަލްހެދި ޑޮމަންޓާސް ސަބޮނިސްއެވެ.

މިމުބާރާތުގައި މިލްވައުކީ ބަކްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 32 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނެގި ޖިއާނިސް އެންޓެޓޮކޮއުމްޕޯއެވެ. އަދި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 13 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 12 އެސިސްޓް ދިން ބެން ސައިމަންސްއެވެ. މީގެއިތުރުން ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއަރސްއެވެ. މިމެޗްގައި ވޮރިއަރސްގެ ޑްރޭމަން ގްރީންވަނީ އެޓީމަށް 16 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގާ 10 އެސިސްޓް ކޮށްފައެވެ. އަދި ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދިން ކެވިން ޕޯޓަރ ޖޫނިއަރއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޑެންވަރ ނަގެޓްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 129 ޕޮއިންޓް 104 ޕޮއިންޓުން ނަގެޓްސް ކާމިޔާބުކުރިއިރު މެމްފިސް ގްރިޒްލީސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 89 ޕޮއިންޓް 85 ޕޮއިންޓުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ. ސެން އެންޓޯނިއޯ ސްޕަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 99 ޕޮއިންޓުން ސްޕަރސް ކާމިޔާބުކުރިއިރު ކްލީވްލަންޑް ކެވެލިއަރސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއަރސްއެވެ. އަދި ޑިޓްރޮއިޓް ޕިސްޓަންސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 112 ޕޮއިންޓުން ޕިސްޓަންސް ކާމިޔާބުކުރިއިރު ސެކްރެމެންޓޯ ކިންގްސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 119 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސްއެވެ.