ޤައުމީ ދިފާޢީ ބާރުގެ މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް(އެސްއޯޖީ) ތަޢާފަރުކޮށްފިއެވެ.
އެމްއެންޑީއެފްގެ މެރިންކޯރގައި މިއަދު އަލަށް ތަޢާރަފު ކުރެވުނު އެސްއޯޖީއަކީ އެމްއެންޑީއެފުން ހިންގާ ޚާއްޞަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިތުރު އެލީޓް ފޯސްއެކެވެ.
އަދި މި ފޯސްއަކީ އެމްއެންޑިއެފްގެ އައު އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވާގޮތަށް އެއްގަމާއި ކަނޑުގައި ޚާއްޞަ އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލްކަން ލިބިފައިވާ ޚާއްޞަ ބާރެއްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިކަމައްޓަކައި ބަންޑާރަކޮށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެސްއޯޖީގެ ބައެއް މަޤާމުތަކަށް އައްޔަންކުރެވުނު ފަރާތްތަކުގެ މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ މެރިންކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދުއެވެ.
ސްޕެޝަލް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމުގެ ޢިލްމާއި ހުނަރު އުނގަންނައި ދެވިފައިވާ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންއ ދުޅަހެޔޮ، މަތިވެރި އަސްކަރީ އަޚްލާޤްގެ މަތީގައި ސާބިތުވެ ތިބޭ މި ޚާއްޞަ ފޯސްގެ ސަބަބުން މެރިންކޯރގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުވެގެންދާނެކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވިއެވެ.
މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް ތަޢާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އިތުރުން މިރަސްމިއްޔާތުގައި މެރިންކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދާއި އެމްއެންޑިއެފްގެ ޑައިރެކްޓަރޭޓްތަކާއި ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުންގެ އިތުރުން މެރިންކޯރގެ އިސްވެރިން ބައިވެރިވިއެވެ.