ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ފެނުގެ ނިޒާމް ޤާއިމްކޮށް ނިންމާ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
އެކަށީގެންވާ ބޯފެނުގެ ނިޒާމްގެ ޚިދުމަތް ރައްޔިތުންނަށް ފޯރުވައި ދިނުމުގެ ސިޔާސަތުގެ ދަށުން ވިލިނގިލީގައި ބޯފެނުގެ ނިޒާމް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖޮއިންޓް ވެންޗަރ އެންޖެލިކް އިންޓަރނޭޝަނަލް ލިމިޓެޑްއެންޑް އަޔަން އެކްސްޗެންޖް ލިމިޓެޑާއި ދެމެދު ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.
މިމަޝްރޫޢުގެ ދަށުން ވިލިނގިލީގައި ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވި، 158.6 ޓަނުގެ އާރްއޯ ޕްލާންޓަކާއި، 19 ޓަނުގެ 2 ސްޓޯރޭޖް ޓޭންކްވަނީ ބަހައްޓާފައެވެ. މީގެ އިތުރުން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ގޭބިސީތަކާއި، މުއައްސަސާތަކަށް ބޯފެނުގެ ޚިދުމަތް ގުޅާދިނުމާއި، ފެނުގެ ތަޙްލީލު ކުރެވޭނެހެން ހުރިހާ ސާމާނުތައް ހިމެނޭ ގޮތަށް ލެބެއްވެސްވަނީ ޤާއިމްކޮށްފައެވެ.
އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ގެ ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދިޔަ މިމަޝްރޫޢުގެ އަގަކީ 3،623،843.24 (ތިން މިލިއަން ހަސަތޭކަ ތޭވީސް ހާސް އަށްސަތޭކަ ސާޅީސް ތިނެއް ޕޮއިންޓް ދޭއް ހަތަރެއް އެމެރިކާ ޑޮލަރެވެ.
އާބަދީގައި 3,606 މީހުން ދިރިއުޅޭ ވިލިނގިއްޔަކީ 56.5 ހެކްޓަރުގެ ބޮޑުމިނުގެ ރަށެކެވެ.