ޚަބަރު

ސަޕޯޓަރުންނާއެކު އިތުރު ހިތްވަރެއް ލިބޭ، އެދެނީ ދަނޑު ފުރާލަދޭން: އަޝްފާޤް


  • ޓީމާއި މެދު އުއްމީދު ބޮޑުކަމަށް އަޝްފާޤް ބުނި

  • އަޝްފާޤް އެދުނީ 12 ވަނަ ކުޅުންތެރިޔާގެ ދައުރު އަދާކޮށްދިނުމަށް

އަންނަ މަހު ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވީހާވެސް ގިނަ ދިވެހިން ދަނޑަށް މެޗު ބަލަން ވަދެ، ޤައުމީ ޓީމަށް ހިތްވަރު ދިނުމަށް، ރާއްޖޭގެ ތާރީޚު ދުށް އަދި ސައުތު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާޤް (ދަގަނޑޭ) އެދިއްޖެއެވެ.

ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް، ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ނަމުގައި ހަތަރު ގައުމެއް ވާދަކުރާ މުބާރާތެއް ކުރިއަށް ދާނެއެވެ.

ހުރިހާ މެޗެއް ވެސް ރާއްޖޭގެ ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅޭ މި މުބާރާތުގައި ވާދަކުރަނީ ދިވެހިރާއްޖޭގެ އިތުރުން އަފްޣާނިސްތާން، ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.

ރާއްޖޭގެ ފުޓުބޯޅަ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް، ސަޕޯޓަރުންނަށް ދޭނެ މެސެޖަކީ ކޮބައިތޯ އެހުމުން، ދިވެހިންނަށް ފުޓުބޯޅައިގައި އެތައް ޝަރަފެއް ހޯދައިދީ، އުފާވެރި އެތައް ހުވަފެންތަކެއްގައި ކުލަޖައްސައިދިން އަލީ އަޝްފާޤް ވަނީ، ދިވެހި ސަޕޯޓަރުންގެ ކިބައިން އުއްމީދުކުރާ ކަންތައް، ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.

"އަޅުގަނަޑަށް ހީވަނީ އަޅުގަނޑު ކުޅެން އަރާ ހުންނައިރު ދަނޑުން އެ ލިބޭ ސަޕޯޓު ލިބުނީމަ އިތުރު ހިތްވަރެއް ލިބޭ ކަންނޭނގެ ކުޅެން ހުންނައިރު ވެސް. 12 ވަނަ ކުޅުންތެރިޔާއޭ އެ ކިޔަނީ ވެސް ކޮންމެވެސް ކަމެއް ވީމަ. އަޅުގަނޑު އުއްމީދުކުރަން މި މުބާރާތުގައި ވެސް ދަނޑު ހަމަ ފުރާލާނެކަމަށް". މުބާރާތުގެ މެޗުތަކުގައި ގައުމީ ޓީމަށް ސަޕޯޓުކޮށްދިނުމަށް އެދި އަޝްފާޤް ބުންޏެވެ.

ޓީމާ ގުޅޭގޮތުން ވާހަކަދައްކަމުން އަޝްފާޤް ވަނީ، ޓީމާއިމެދު އުއްމީދުތަކެއް ގެންގުޅޭކަމަށް ބުނެފައެވެ. އެހެންނަމަވެސް ފަރިތަކުރުން ލިބުނު މުއްދަތާއި، ދަނޑާއި އަދި ތަމްރީނު ކޭމްޕެއް ކުރިއަށް ނުގެންދެވި އޮތްކަން އަޝްފާޤް ފާހަގަކުރިއެވެ. ކަން މިހެން އޮތްނަމަވެސް މި މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދޭނެކަމުގެ އުއްމީދު އޮތްކަމަށް އަޝްފާޤް ބުންޏެވެ.

"މިހާރު މިއޮތް ސިޓުއޭޝަނަށް ބަލާފައި، ދެން ޓީމުގައި ގިނައީ ވެސް ޔަންގު ކުޅުންތެރިން. އަޅުގަނޑު އުއްމީދުކުރަން ހަމަ ރަނގަޅު ނަތީޖާއެއް ނެރޭނެކަމަށް. ދެން ލިބުނު ދުވަސްކޮޅާއި ޕްރެކްޓިސްތައް ކުރަން ލިބުނު ދަނޑާއި ދެން ޓްރެއިނިން ކޭމްޕެއް ނުދެވުމާ، މި ކަހަލަ ކަންތައްތަކެއް އެބަހުރި. އެކަހަލަ އުނދަގޫ ކުޑަކުޑަ ދަތިތަކެއް އެބައުޅޭ ކަންނޭނގެ. އެކަމަކު އަނެއްހެން އޯވަރޯލްކޮށް ހުރިހާކަމެއް ވެސް ރަނގަޅު ކަންނޭނގެ މި ދާގޮތް". ޓީމާމެދު އުއްމީދު އޮތްކަން ހާމަކޮށް އަޝްފާޤް ބުންޏެވެ.

މުބާރާތުގައި ކުރިއަށްދާއިރު، އިދިކޮޅު ޓީމުތަކާ މެދު ވިސްނުމުގެ ބަދަލުގައި ބޮޑަށް ވިސްނުން ހުރީ އަމިއްލަ ކުޅުމާއި ޓީމުގެ ޕާފޯމަންސް ރަނގަޅުކުރުމާމެދުގައި ކަމަށް އަޝްފާޤް ބުންޏެވެ.

"އޮޕޯނެންޓަށް ނުވިސްނާ ފުރަތަމަ އަހަރުމެންގެ ކުޅުމަށް ވިސްނާ، އަހަރުމެންގެ ގޭމް ކުޅެވިއްޖެއްޔާ އެ އިންނާނީ ރަނގަޅަށް". އަޝްފާޤް ބުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިހާތަނަށް ޤައުމީ ޓީމާއެކު 99 މެޗު ކުޅެފައިވާ އަޝްފާޤް، ޤައުމީ ޖާޒީގައި އޭނާގެ 100 ވަނަ މެޗު މި މުބާރާތުގެ ތެރޭގައި ކުޅޭނެއެވެ. މިއާއެކު އަޝްފާޤް ވެގެންދާނީ ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ވެސް ޤައުމީ ޖާޒީގައި 100 މެޗު ހަމަކުރާ 2ވަނަ ކުޅުންތެރިޔާއަށެވެ. މި ޝަރަފު މިހާތަނަށް ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ރާއްޖޭގެ ރަން އަންގީގެ ވެރި، އިމްރާން މުޙައްމަދު (އިންމަ) އެވެ. ފީފާގެ ސެންޗޫރީ ކުލަބުގައި ހިމެނޭ ދެވަނަ ކުޅުންތެރިއަކަށްވާން އަޝްފާޤަށް ދެން އޮތީ އެންމެ މެޗެކެވެ.

މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝާއި ޕާކިސްތާނެވެ. އެރޭގެ މެޗުގައި ކުޅޭނީ ދިވެހިރާއްޖެއާއި އަފްޣާނިސްޠާނެވެ.