ޚަބަރު

ފިލިޕީންސްގެ ސަރަޙައްދީ ރޮނގު ބަންދުކުރަން ނިންމައިފި


ކޯވިޑް-19ގެ ޙާލަތު ގޯސްވުމުގެ ސަބަބުން ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ފިލިޕީންސަށް އެތެރެ ނުވެވޭ ގޮތަށް އެ ޤައުމުގެ ސަރަޙައްދީ ރޮނގު ބަންދުކުރަން ނިންމައިފިއެވެ.

ފިލިޕީންސްގައި އަޅާފައިވާ އެންމެ ފަހުގެ ފިޔަވަޅުތަކުގެ ދަށުން ބޭރު ޤައުމުތަކުގެ ރައްޔިތުންނާއި ބޭރު ޤައުމުތަކުގައި ތިބި ފިލިޕީންސްގެ ބައެއް ރައްޔިތުންނަށް މާރިޗު މަހުގެ 20ވަނަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 19ވަނަ ދުވަހާ ހަމައަށް ފިލިޕީންސަށް އެތެރެއެއް ނުވެވޭނެއެވެ. ނަމަވެސް ޚާއްޞަ ޙުއްދަ ލިބިފައިވާ ބޭރު ޤައުމުތަކުގެ ސަރުކާރުތަކަށް ނިސްބަތްވާ މީހުންނާއި ބޭރު ޤައުމުތަކުގައި މަސައްކަތް ކުރާ ފިލިޕީންސްގެ ރައްޔިތުން އެ ޤަވާއިދުން އިސްތިސްނާވެއެވެ. އަދި ކުއްލި ޙާލަތްތަކުގައި ދަތުރުކުރާ ފަރާތްތަކަށްވެސް ލުއި ދޭނެއެވެ.

މި މަހުގެ 19ވަނަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 19ވަނަ ދުވަހާ ދެމެދު ދުވާލެއްގެ މައްޗަށް ފިލިޕީންސަށް އެތެރެ ވެވޭނެ މީހުންގެ ޢަދަދަކީ 1،500ކަމަށް ފިލިޕީންސްގެ އިދާރާތަކުންވަނީ ނިންމައިފައެވެ. އެ ޤައުމުގައި އެންމެ ހަލުވިކޮށް ބަލި ފެތުރެމުންދާ މެޓްރޯ މެނީލާގައި ދެ ހަފުތާގެ މުއްދަތަށް ރޭގަނޑުގެ ވުގުތުތަކުގައި ކާފިއުވަނީ އިޢުލާނު ކޮށްފައެވެ. އަދި އުމުރުން 18 އަހަރުން ދަށުގެ ކުދިން ގެއިން ބޭރަށް ނުކުތުންވަނީ މަނާކޮށްފައެވެ
.
ފިލިޕީންސްގައި މިހާތަނަށް 631،320 މީހުންނަށް ކޯވިޑް-19 ޖެހި، 13،000އާ ގާތްކުރާ ޢަދަދަކަށް މީހުންވަނީ މަރުވެފައެވެ.