ޚަބަރު

އިންތިޚާބަށް ނުފޫޒު ފޯރުވަން ރަޝިޔާއިން މަސައްކަތް ކޮށްފައިވޭ: އެމެރިކާ


2020ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން ރަޝިޔާގެ ސަރުކާރުން މަސައްކަތް ކޮށްފައިވާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފިއެވެ. މީގެ ކުރިން އެމެރިކާއިންވަނީ 2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާކަމަށް ތުޙުމަތުކޮށްފައެވެ.

އޮފިސް އޮފް ދަ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސުން ޝާޢިއުކުރި 15 ޞަފްހާގެ ރިޕޯޓުގައި ބުނީ ރައީސް ޖޯ ބައިޑަންއާ ދެކޮޅަށް އެއްވެސް ބުރަދަނެއް ނެތް ތުހުމަތުތަކެއް ކޮށް ރަޝިޔާގެ ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާކަމަށެވެ. އެ ރިޕޯޓުގައި ބުނީ ރަޝިޔާގެ ސަރުކާރުން ބައިޑަންގެ އަގު ވައްޓައިލުމަށް މަސައްކަތް ކޮށްފައިވަނީ އެމެރިކާގެ ރައީސްގެ މަޤާމުގައި އޭރު ހުންނެވި ޑޮނަލްޑް ޓްރަންޕުގެ ސަރުކާރާއި އެމަނިކުފާނުގެ ވާގިވެރިންގެ އެހީތެރިކަމާއެކުކަމަށެވެ.

ރަޝިޔާގެ އިތުރުން އީރާނުންވެސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާކަމުގެ ހެކި ފެނިފައިވާކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ. އެގޮތުން އީރާނުން މަސައްކަތްކޮށްފައިވަނީ ޓްރަންޕަށް އޮތް ތާއީދު ކުޑަ ކުރުމަށްކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ.

އޭގެ އިތުރުން، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ބައިޑަންގެ ފަރާތުން ޗައިނާއިން ޙަރަކާތްތެރިވެފައިވާކަމަށް ޓްރަންޕުގެ ވާގިވެރިން ކުރާ ތުހުމަތުތަކުގައި އެއްވެސް ބުރަދަނެއް ނެތްކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. ޗައިނާއިން މަސައްކަތްކޮށްފައިވަނީ އެމެރިކާއާއެކު އޮންނަ ގުޅުން ދެމެހެއްޓުމަށްކަމަށާއި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރުމަށް ޗައިނާއިން މުހިންމުކަމެއް ދީފައި ނުވާކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ.

އެމެރިކާއިން ބުނީ ކިއުބާއާއި ވެނެޒުއޭލާއާއި ލުބުނާނުގެ ހިޒްބުﷲއިންވެސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާކަމަށެވެ. ނަމަވެސް އެ ޤައުމުތަކުން ކޮށްފައިވާ މަސައްކަތާ ރަޝިޔާއާއި އީރާނުން ކޮށްފައިވާ މަސައްކަތާ ގާތްވެސް ނުކުރާކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ. އޭގެ އިތުރުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރަށް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ޤާބިލުކަން ލިބިފައި ނުވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.