ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލުން ރެއާލް ޖާގަހޯދައިފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލުން ރެއާލް މެޑްރިޑް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކްއާޓަރ ފައިނަލުން ރެއާލް ޖާގަހޯދީ ފަހު 16 ޓީމްގެ ބުރުގައި އިޓާލިއަން ސެރީއާގެ އެޓަލާންޓާއާއި ބައްދަލުކުރި ދެލެގްގެ މެޗް 4 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް އެއްލަނޑު ސުންލަނޑުން ރެއާލް ކާމިޔާބުކުރިއިރު ރޭ ކުޅުނު ދެވަނަ ލެގްގެ މެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ. ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުން ފެނިގެންދިޔަ މިމެޗްގައި ރެއާލްއިން ގިނަ އިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފެއްދީ އެޓަލާންޓާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ކާމިޔާބުކުރީ ރެއާލްގެ ތަޖްރިބާކާރު ފޯވަޑް ކަރީމް ބެންޒީމާއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. މިމެޗްގައި އެޓަލާންޓާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހައިދިނީ ލުއިސް މޫރިއާލްއެވެ. އަދި ރެއާލްއިން މިމެޗްގައި ޖެހި ފަހު ލަނޑު އޭގެ އެއްމިނެޓްފަހުން އެޓީމަށް ޖަހައިދިނީ މާކޯ އަސެންސިއޯއެވެ.

މިއީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވޭތިވެދިޔަ ތިން އަހަރުގެ ތެރޭގައި ކުއާޓަރ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ ދެ ސީޒަންގައިވެސް ރެއާލްވަނީ ދެވަނަ ބުރުން ކަޓާފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ މިމެޗްގައި ފެށުނީއްސުރެ ނިމެންދެން އޭނާގެ ޓީމު ވަނީ މޮޅު ކުޅުމެއް ދައްކާފަކަމަށެވެ. އަދި އާންމުކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރާ އެޓަލާންޓާއަށް މިމެޗްގައި އުފެއްދުނު ހަމަލާތަށްވެސް މަދުކުރެވުނު ކަމަށާއި އެހެންކަމުން މިއީ ރަނގަޅު ކާމިޔާބީއެއްކަމަށް ޒިދާން ހާމަކުރިއެވެ.