ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ސިޓީ ޖާގަހޯދައިފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލުން ސިޓީ ޖާގަހޯދީ ފަހު 16 ޓީމްގެ ބުރުގައި ޖަރުމަނު ބުންޑަސްލީގާގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކްއާއި ބައްދަލުކުރި ދެލެގްގެ މެޗް 4 ލަނޑު ސުންލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 2 ލަނޑު ސުންލަނޑުން ސިޓީ ކާމިޔާބުކުރިއިރު ރޭ ކުޅުނު ދެވަނަ ލެގްގެ މެޗްވެސް ސިޓީ ކާމިޔާބުކުރީ ހަމަ އެނަތީޖާއިންނެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި ކުޅުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ސިޓީއިންނެވެ. އަދި މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ސިޓީއަށް ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރުއިނަރއެވެ. މިއީ މިސީޒަންގައި ސިޓީއިން ކާމިޔާބުކުރީ 100 ވަނަ ލަނޑެވެ. ސިޓީއިންވަނީ ވޭތުވެދިޔަ 8 ސީޒަންގައިވެސް 100 ލަނޑަށް ވުރެ ގިނައިން ލަނޑު ޖަހާފައެވެ. މިމެޗްގައި ސިޓީގެ ދެވަނަ ލަނޑު ފުރަތަމަ ލަނޑުޖެހިތާ 6 މިނެޓް ފަހުން ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިލްކާއި ގުންޑޮގާންއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ސިޓީއަށް ލިބި ބޭކާރުވިއެވެ. އަދި މޮންޗެންގްލަޑްބެކްއިންވެސް ވަނީ ފުރަތަމަ ލެގަށް ވުރެ ރަނގަޅަށް ރޭ ކުޅެ ކޮންމެވެސް ވަރަކަށް ސިޓީގެ ގޯލަށް ނުރައްކާކޮށްފައެވެ.

މިކާމިޔާބީއާއެކު ސިޓީ މިވަނީ މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަހޯދާފައެވެ. މި މުބާރާތުގެ ކްއާޓަރ ފައިނަލްގެ ގުރުލުން އޮންނާނީ މިއަންނަ ހުކުރު ދުވަހުއެވެ.