އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ޔޫޓާ ޖޭޒް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް ޖޭޒް ކާމިޔާބުކޮށްފިއެވެ. މިމެޗް ޖޭޒް ކާމިޔާބުކުރީ 117 ޕޮއިންޓް 109 ޕޮއިންޓުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗަކީ މިސީޒަންގައި ޖޭޒްއިން ކާމިޔާބުކުރި 29 ވަނަ މެޗެވެ. މިމެޗްގައި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 16 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގައިދިން ރޫޑީ ގޮބަރޓްއެވެ. އަދި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 28 ޕޮއިންޓް ހޯދައިދިން ޖޭލެން ބްރައުންއެވެ.
މިމުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްއާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 99 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްގެ ޓޯބިއަސް ހެރިސްވަނީ އެޓީމަށް 30 ޕޮއިންޓް ހޯދައިދީފައެވެ. އަދި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގާ 8 އެސިސްޓް ދިން ޖޫލިއަސް ރެންޑްލްއެވެ. މީގެއިތުރުން އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 137 ޕޮއިންޓް 121 ޕޮއިންޓުން ކާމިޔާބުކުރީ ލޭކަރސްއެވެ. މިމެޗްގައި ލޭކަރސްގެ ލެބްރޮން ޖޭމްސްވަނީ އެޓީމަށް 25 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގާ 12 އެސިސްޓްކޮށް އޭނާގެ ކެރިއަރުގެ 99 ވަނަ ޓްރިޕްލް ޑަބަލް ހަދާފައެވެ. މިމެޗްގައި ޓިމްބަރވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދިން ކަރލް އެންތަނީ ޓައުންސްއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 124 ޕޮއިންޓުން ޓްރެއިލް ބްލޭޒަރސް ކާމިޔާބުކުރިއިރު އެޓްލާންޓާ ހޯކްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 119 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ. އަދި ޝިކާގޯ ބުލްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 123 ޕޮއިންޓް 102 ޕޮއިންޓުން ބުލްސް ކާމިޔާބުކުރިއިރު މައޭމީ ހީޓް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 113 ޕޮއިންޓް 98 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ.