ދިވެހިރާއްޖެއިން ޤަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމަވައިފިކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. 
މިކަން ހާމަކުރައްވާ ފޮރިން މިނިސްޓަރ ޝަހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މިނިންމެވުން ޤަތަރުން ބަލައިގެންފައިވާކަމަށެވެ.  އަދި މިނިންމެވުމަކީ ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއިން ޤަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން މިނިސްޓަރ ޝާހިދު އިއުލާންކުރެއްވީ ރައީސް ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. 
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޤަތަރުގެ ޢަމީރު،  ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއާ  ބައްދަލުކުރައްވައި ކުރިއަށްއޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ވަޑައިގެންނެވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ޤަޠަރާއި ރާއްޖޭގެ ސިޔާސީގުޅުން މި ސަރުކާރުގައި އަލުން ޤާއިމުކުރުން ފާހަގަކުރެއްވުމާއި ދެޤައުމުގެ ޒަމާންވީ ބަދަހިގުޅުން އިތުރަށް ބަދަހިކުރެއްވުމާގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ޤަޠަރުގެ އަމީރު ވަނީ ދެޤައުމުގެ މީހުން އެކަކު އަނެކަކާއި ބައްދަލުވެ ވިޔަފާރީގެ ރޮނގުންނާއި އެއްވިސްނުމެއް ގެންގުޅޭ އެހެން ދާއިރާތަކުން ގުޅުން ބަދަހިކޮށް ކުރިއެރުމަށް މަގުފަހިކޮށްދެއްވުމަށް މަޝްވަރާކުރައްވާފައެވެ. 
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅާ، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރައްވާ މަސައްކަތްޕުޅާ، އިންސާނީ ޙައްޤުތައް ހިމާޔަތްކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅާ، ބައިނަލްއަޤުވާމީ ގޮތުން ކުރެވޭ މުހިންމު ކަންތައްތައް ޤަޠަރާއި އެކު މަސައްކަތްޕުޅުކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެކަމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވެފައެވެ.