އެމެރިކާއިން ޞުލްޙަ ދަމަހައްޓަން ބޭނުންވާނަމަ އުތުރު ކޮރެޔާއާ ގުޅޭގޮތުން އެމެރިކާއިން ޢަމަލުކުރާނެ ސިޔާސަތުތައް އެކުލަވާލުމުގައި މައްސަލަ ގޯސްވާނެފަދަ ގޮތަކަށް ޢަމަލު ނުކުރުމަށް އުތުރު ކޮރެޔާއިން ގޮވައިލައިފިއެވެ.
އުތުރު ކޮރެޔާގެ ޒަޢީމް ކިމް ޖޮން އުންގެ ޚާއްޞަ މުޝީރެއްގެ ގޮތުގައި ނުރަސްމީކޮށް މަސައްކަތްކުރައްވާ އޭނާގެ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގްވަނީ އުތުރު ކޮރެޔާގެ ހަތުރެއްކަމަށްވާ ދެކުނު ކޮރެޔާއާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން ދެކުނު ކޮރެޔާގައި ކުރިއަށްގެންދާ އަސްކަރީ ޙަރަކާތްތަކާމެދު ހިތްހަމަނުޖެހުން ފައުޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެމެރިކާއިން ހަމަޖެހުން ބޭނުންނަމަ އެ ޤައުމުގެ އައު ސަރުކާރުން ގުޅުން ގޯސްވާފަދަ ކަމެއް ކޮށްގެން ނުވާނެކަމަށެވެ.
އުތުރު ކޮރެޔާއިން އެހެން ބުނެފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެންއާއި ދިފާޢީ ވަޒީރު ލޮޔިޑް އޮސްޓިން ދެކުނު ކޮރެޔާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. ދެ ޤައުމުގެ ދެމެދުގައި ކުރާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާނެކަމަށް ބެލެވެނީ ޚާރިޖީ އަދި ސަލާމަތީ ސިޔާސަތުތަކުގެ މައްޗަށެވެ. ނަމަވެސް ކިމް ޔޯ ޖޮންގުގެ ވާހަކަތަކަށްފަހު ދެ ޤައުމުގެ ދެމެދުގައި އުތުރު ކޮރެޔާއާ ގުޅޭގޮތުން މަޝްވަރާ ކުރާނެކަމަށް ބެލެވެއެވެ.
އެމެރިކާއާއި އުތުރު ކޮރެޔާއާ ދެމެދު މަޝްވަރާކުރުމަށް އެމެރިކާއިން އިސްވެ ހުށަހެޅުމުން އެކަމަށް އުތުރު ކޮރެޔާއިން އިޖާބަ ދީފައި ނުވާކަމަށް އެމެރިކާއިން ބުނެއެވެ.