އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލާއި ވުލްވަރހެމްޓަން ވޮންޑަރަރސް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ގަދަ ހަތަރަކަށް އެރުމަށް ކުރަމުންދާ އުންމީދުތައް ލިވަޕޫލުން އާކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވުލްވްސްއިން ގިނަ އިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގެ ކުރީކޮޅު ވުލްވްސްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެޓީމުން އުފެއްދި އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި ލިވަޕޫލުންވެސް މެޗް ކުރިއަށް ދިޔަ ވަރަކަށް އެޓީމްގެ ކުޅުން ދިޔައީ ރަނގަޅު ކުރަމުންނެވެ. މިމެޗްގައި ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މިސީޒަންގައި ވުލްވްސްއިން ލިވަޕޫލަށް ބަދަލުވި ޑިއެގޯ ޖޮޓާއެވެ. މިއީ ގިނަ ދުވަސްތަކެއްގައި އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް ފުރަތަމަ އެގާރައިގާ ހިމެނިގެން ޖޮޓާ ކުޅުނު ފުރަތަމަ މެޗެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިވަޕޫލަށް ލިބި ބޭކާރުވެގެންދިޔަތަން ފެނިގެންދިޔައެވެ. މިމެޗްގެ ދެވަނަ ހާފްގައި ވުލްވްސްގެ ކީޕަރ ރުއި ޕެޓްރީޝިއޯގެ ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާވަނީ އަށިގަނޑުގައި ބާލާފައެވެ.
މިކާމިޔާބީއާއެކު ލިވަޕޫލަށް މިވަނީ ކުޅުނު 29 މެޗުން ލިބިފައިވާ 46 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ހަތަރުވަނައިގާ އުޅޭ ޗެލްސީ އާއި ދެމެދުގައިވާ ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕް ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ކުޅުންތެރިންނަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ކަމަށާއި ނަމަވެސް ނިންމާލުން ފުރިހަމަ ނުވީކަމަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ވުލްވްސްގެ ކޯޗް ނޫނޯ އެސްޕިރިޓޯ ސަންޓޯވަނީ ޕެޓްރީޝިއޯގެ ހާލު ރަނގަޅުކަމަށް ހާމަކޮށްފައެވެ. އަދި މިމެޗަކީ ވަރަށް ވާދަވެރި މެޗެއް ކަމަށާއި އަދި ލިވަޕޫލުން އުފެއްދި ގިނަ ހަމަލާތަށް އޭނާގެ ޓީމަށް ކޮންޓްރޯލް ކުރެވުނު ކަމަށްވެސް އޭނާ ހާމަކުރިއެެވެ. މިމެޗުން ބަލިވުމުން ވުލްވްސް އުޅެނީ ކުޅުނު 29 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.