މެންޗެސްޓަރ ސިޓީ ބަލިކުރަންބޭނުންނަމަ އޭނާގެ ޓީމުން އާދަޔާ ހިލާފް ހިތްވަރެއް ލާންޖެހޭ ކަމަށް ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ކޯޗް މާކޯ ރޯސް ހާމަކޮށްފިއެވެ. ރޯސް މިކަން ހާމަކޮށްފައިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު ސޯޅަ ޓީމްގެ ބުރުގެ ދެވަނަ ލެގްގައި މިރޭ މިދެޓީމް ބައްދަލުކުރާ މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ މެޗް 2 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ސިޓީއެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗް ކުޅެފައިވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައެވެ. އެމެޗްގައި ގްލަޑްބެކް ރަށު ޓީމްގެ ހައިސިއްޔަތުން ކުޅުނު އިރު މިރޭ ހަންގޭރީގައި ކުޅޭ ދެވަނަ ލެގްގެ މެޗްގައި ސިޓީ ވެގެންދާނީ ރަށު ޓީމަށެވެ.
މިރޭގެ މެޗްގައި ގްލަޑްބެކްއިން ރަނގަޅު ކުޅުމެއް ދައްކާ މެޗުން މޮޅުވުމަށް ވަރަށް މަސައްކަތް ކުރާނެކަމަށް ރޯސް ހާމަކުރެއެވެ. ނަމަވެސް ސިޓީއިން މިހާރު ކުޅެމުންދާ ކުޅުމަށް ބަލާއިރު އެކަން ކާމިޔާބުވާނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްގެންކަމުގައި ރޯސް ހާމަކުރިއެވެ.
ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި އޭނާގެ ޓީމުން މަސައްކަތް ކުރާނީ މިރޭގެ މެޗްވެސް ކާމިޔާބުކޮށް މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަހޯދުމަށްކަމަށެވެ. ނަމަވެސް މިމެޗްވެސް ފަސޭހަ ވާނެކަމަށް ގަބޫލް ނުކުރާކަމަށްވެސް ގާޑިއޯލާ ހާމަކުރެއެވެ. މިރޭގެ މެޗަށް ސިޓީއިން ނަގާފައިވާ ޓީމްގައި ރަހީމް ސްޓަރލިންގވަނީ ހިމެނިފައެވެ. އެންމެފަހުން ލީގުގައި ކުޅުނު މެޗްގައި ސްޓަރލިންގ ޓީމްގައި ހިމަނާފައިނުވާތީ ގިނަ ބަޔަކު ވަނީ ގާޑިއޯލާ އާއި ސްޓަރލިންގ އާއި ދެމެދު މައްސަލަ ޖެހިގެން އުޅޭ ކަން ހާމަކޮށްފައެވެ. ނަމަވެސް ގާޑިއޯލާ އާއި ސްޓަރލިންގވެސް ވަނީ މިކަން ދޮގުކޮށްފައެވެ. އަދި އެންމެ ފަހު މެޗްގައި ސްޓަރލިންގ ނުހިމެނުނީ ކުޅުންތެރިން ރޮޓޭޓް ކުރުމުގައި މިހާރު ގެންގުޅޭ އުސޫލްގެ ދަށުން ކަމަށްވެސް ގާޑިއޯލާ ހާމަކުރިއެވެ.