އިންޑިއާ އާއި އިންގްލަންޑްގެ މެދުގައި މިހާރު ކުޅެމުންދާ ޓީ ޓްވެންޓީ ކްރިކެޓް މެޗް ތަކުގެ ތެރެއިން ބާކީ މިހާރު ނުކުޅެ އޮތް ތިން މެޗް ކުޅިބެލުންތެރިންނާއި ނުލާ ކުޅެން ނިންމައިފިއެވެ. މިތިން މެޗް ކުޅިބެލުންތެރިން ނުވައްދައި ކުޅެން ނިންމީ އިންޑިއާގެ ގުޖުރާތުގައި ކޯވިޑް-19 ވައިރަސް ފެތުރުން އަނެއްކާވެސް އިތުރުވަމުންދާތީއެވެ.
އަހްމަދްއާބާދުގައި މިހާރު ކުޅެފައިވާ ދެމެޗްގެ ތެރެއިން ފުރަތަމަ މެޗް ބެލުމަށް 66 ހާސް މީހުން ވަދެފައިވާއިރު ދެވަނަ މެޗް ބެލުމަށް 67 ހާސް މީހުން ވަދެފައިވެއެވެ. މިދެމެޗްގައި ދެޓީމްގެ ކުޅުންތެރިން އެއްވެސް ވަރަކަށް ކުޅިބެލުންތެރިންނާއި ދިމާވެފައެއް ނުވެއެވެ. އަދި ކުޅިބެލުންތެރިންގެ ތެރެއަށް ބޯޅަ ދިޔަ ކޮންމެފަހަރަކު ބޯޅަ ވަނީ ސެނިޓައިޒްކޮށްފައެވެ. މިހާތަނަށް ދެމެޗް ކުޅެފައިވާއިރު އެކެއް އެކަކުން ދެޓީމްވަނީ އެއްވަރު ވެފައެވެ. އަދި ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. ބޯޑް އޮފް ކޮންޓްރޯލް ފޮރ ކްރިކެޓް އިން އިންޑިއާ، ބީސީސީއައި އިން ނެރުނު ބަޔާނެއްގައި ހާމަކުރިގޮތުގައި ކުޅިބެލުންތެރިންނާއި ނުލައި ބާކީ ހުރި މެޗްތައް ކުޅެން ނިންމީ ގުޖުރާތު ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކާއި ސިއްހީ މާހިރުންނާއި މަޝްވަރާ ކުރުމަށްފަހުއެވެ. ބީސީސީއައި އިން ހާމަކުުރިގޮތުގައި އެފަރާތުން ކުރިއަށް އޮތްތާނގާވެސް ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ކޮރޯނާ ވައިރަހާއި ގުޅިގެން ގާއިމް ކުރެވިފައިވާ އުސޫލްތަކާއި އެއްގޮތަށްކަމަށެވެ.
އިންޑިއާ ކްރިކެޓް ބޯޑުގެ މިނިންމުގެ ސަބަބުން އެންމެ ބޮޑަށް މާޔޫސްވާނެ އެއްބަޔަކަށް ވެގެންދާނީ ކުޅިބެލުންތެރިންނެވެ. އަދި މީގެއިތުރުން އިންޑިއާ ޓީމްގެ ކުޅުންތެރިންނަށްވެސް މިކަމުގެ އަސަރު ކުރާނެކަމަށް ބެލެވެއެވެ. މިގޮތުން ބައެއް ކުޅުންތެރިން ހާމަކުރިގޮތުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ ކުޅުމާއި ހުސް ދަނޑެއްގައި ކުޅުން ވަރަށް ބޮޑު ތަނުން ތަފާތެއެވެ.