ކުޅިވަރު

އެކަޑަމީގެ މަސައްކަތް އަތޮޅުތެރޭގައިވެސް ކުރިއަށް ގެންދާނަން: އަފްނާން


އަތޮޅު ތެރޭގައިވެސް އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ކުރީގެ ގައުމީ ޗެންޕިއަން އަދި އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީގެ ފައުންޑަރ މެންބަރު އަފްނާން ރަޝީދު ބުނެފިއެވެ. ކުޑަކުދިންނަށް ބެޑްމިންޓަން ދަސްކޮށްދިނުމުގެ މަގްސަދުގައި އުފައްދާފައިވާ އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީގެ މަސައްކަތާއި ބެހޭގޮތުން ވާހަކަދައްކަމުން އަފްނާން ބުނީ މިއެކަޑަމީއަކީ ހަމައެކަނި މާލޭ ސަރަހައްދަށް ހާއްސަ އެކަޑަމީއެއް ނޫންކަމަށެވެ. މިއީ މުޅި ރާއްޖޭގައި ބެޑްމިންޓަން ކުރިއެރުވުމުމަށް އުފެއްދި އެކަޑަމީއެއްކަމަށް އަފްނާން ރަޝީދު ބުންޏެވެ. ވިހާވެސް ކުޑަކުދިން ތަމްރީން ކުރުމަށްފަހު، އެކުދިން މީގެ 10ވަރަކަށް އަހަރު ފަހުން ގައުމީ ޓީމުތަކުގައި ރާއްޖެއަށް ރީތިނަން ހޯދައިދޭތަން ފެނުމަކީ މިއެކަޑަމީގެ އެންމެ މުހިންމު އެއް އަމާޒްކަމަށްވެސް އަފްނާން ބުންޏެވެ. އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީއިން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް، ކޮންމެ އުމުރުފުރާއެއްގެ ކުއްޖަކަށްވިއަސް ނުވަތަ ކިތަންމެ ބޮޑު މީހަކަށްވިއަސް މިއެކަޑަމީއިން އުފަލާއެކު ބަލައިގަންނާނެކަމަށާއި ބޮޑެތި މީހުންނަށްވެސް ދަސްކޮށްދިނުމަކީ އެކަޑަމީއިން ހައްސަ އަހައްމިއްޔަތު ކަމެއްދީގެން ކުރާނެކަމެއްކަމަށެވެ.

މިވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވާއިރު، ކޯވިޑް19ގެ ހާލަތުން އަރައިގަނެ ދަތުރުފަތުރު ކުރުމަށް ލުއިތަކެއް ލިބުނު ހާއަވަހަކަށް ރަށްރަށުގައިވެސް އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އަފްނާން ބުންޏެވެ. އުއްމީދަކީ މިއަހަރުގެ ރަމަޟާން މަސް ނިންމާފައި ރަށްރަށުގައިވެސް އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީގެ މަސައްކަތްތަށް ކުރިއަށް ގެންދިއުންކަމަށް އަފްނާން ބުންޏެވެ.

ގައުމީ ލެވެލްއެއްގައި ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގެ ގައުމީ އަންހެން ބެޑްމިންޓަން ޓީމްގައި ކުޅެފައިވާ އަފްނާން ބްރޭކްއެއް ނެގީ 2017ވަނަ އަހަރެވެ.