ޚަބަރު

ފޮރިން ސަރވިސްގެ ޚިދުމަތް ޤާއިމުކުރުމުގެ ބިލާއި އިތުރު ބިލެއް މަޖިލީހަށް ހުށަހަޅަނީ


އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުގެ ބިލަކާއި ފޮރިން ސަރވިސްގެ ބިލެއް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެކުލަވާލައި ބަންޑާރަނައިބުގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާ ދެ ބިލްގެ ތެރެއިން ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަޤްވާމީގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ހުށަހަޅާ ބިލެކެވެ. މިބިލްގައި މިކަމަށް ބޭނުންވާ ޚާއްޞަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސަރވިސް ކޭޑަރެއް ބިނާކުރުމަށްޓަކައި، ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި، އެ ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމުކުރުމަށް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަކީ
ޤާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލެކެވެ.

މިބިލް ހުށަހަޅަ ސަބަބުތަކުގެ ތެރޭގައި އެ ޤާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާވާ ބާވަތްތައް އިޞްލާޙުކުރުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކަންޖެހޭ ބޭންކް ކޮމިޝަނާއި، އިންޓަރ ކަނެކްޝަން ޗާޖަސް އަދި ރީއިންޝުއަރަންސް ޕްރީމިއަމްއިން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމަށާއި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުން ދައްކަންޖެހޭ ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގެ އުސޫލު އިޞްލާޙުކުރުންވެސް މިބިލްގައި ހިމަނާފައިވެއެވެ. މީގެ އިތުރުން އެ ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށި ފަހުން، ޤާނޫނު ތަންފީޛުކުރުމުގައި ކުރިމަތިވަމުންއައިސްފައިވާ ދަތިތައް ޙައްލުކޮށް، އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްވެސް ވަނީ އަލަށް ހުށަހަޅާ ބިލްގައި ހިމަނާފައެވެ.