ޚަބަރު

ކައުންސިލް އިންތިޚާބުގެ ބަޖެޓަށް އިތުރު 29.8 މިލިޔަން ރުފިޔާ


އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އިތުރަށް ބޭނުންވާ ފައިސާ މިއަދު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އިތުރަށް ހިނގާނެކަމަށް ލަފާކުރެވޭ 29.8 މިލިޔަން ރުފިޔާގެ ބަޖެޓު އެ ކޮމިޝަނަށް ލިބިފައިވާކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ކައުންސިލް އިންތިޚާބު ބޭއްވުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 42 މިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައެވެ. ނަމަވެސް ކޮމިޓީން އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމަށްފަހު ބައެއް ކަންކަން އުނިކޮށް، ބަޖެޓް ކުޑަކޮށް ދިނުމަށް އެދުމުން މިހާރު ވަނީ ބަޖެޓަށް ބަދަލު ގެނެސްފައެވެ.

މިއަހަރުގެ ބަޖެޓުގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ 51 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ ބަޖެޓުން ކޯވިޑް-19ގެ ތެރޭގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިތުރަށް 42 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ހާލަތު ހުރި ގޮތުންނާއި، ހުށަހަޅާފައިވާ ބަޖެޓުގައި ހުރި ކަންކަމަށް ބަލައި ބަޖެޓް ކުޑަކުރަން އެދުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ބަޖެޓަށް ބަދަލުތަކެއް ގެނެސްފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3،934 ކެނޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވާއިރު، ބަހައްޓާނެ ވޯޓް ފޮށީގެ ޢަދަދުވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން ކުރިން އިންތިޚާބުގައި ބަހައްޓަން ނިންމީ532 ވޯޓް ފޮށިކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު އިތުރުވެ 735 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ. އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނެކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދެ ޤައުމެއްގައި ވޯޓް ފޮށި ނުބެއްހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށެވެ. އެގޮތުން މެލޭޝިއާގައި ބެހެއްޓުމަށް ނިންމި 2 ވޯޓް ފޮށްޓާއި، އިނގިރޭސވިލާތުގައި ބަހައްޓަން ނިންމި ވޯޓް ފޮށި ނުބެހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކުގައި 10،000އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އެހާ ގިނަ ޢަދަދެއްގެ އޮފިޝަލުން ބައިތިއްބަން ނިންމީ އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމަށްކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.