ޚަބަރު

ސިއްޙީ ޚިދުމަތަކީ ގާތުންދެވޭ ޚިދުމަތަކަށް ހެދުމުގެ މަސައްކަތް ފަށައިފި


ރާއްޖޭގެ ސިއްޙީ ނިޒާމަކީ ހެކީގެ މައްޗަށް ބިނާކޮށް ކަންކަން ނިންމާ ނިޒާމަކަށް ހެދުމަށްޓަކައި ޕްރައިމަރީ ހެލްތުކެއަރ ވަރުގަދަކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

އެގޮތުން، 1000 މީހުންނަށްވުރެ މަދުން އާބާދުވެފައިވާ 25 ރަށެއްގައި ޕްރައިމަރީ ހެލްތުކެއަރއަށް އައު ދިރުމެއް ގެނައުމުގެ ޕައިލެޓް ޕްރޮގްރާމެއް މިއަދުވަނީ ފަށާފައެވެ. އެއީ، އއ، އދ، ވ، މ، ފ، އަދި ދ އަތޮޅުގެ 1000އަށްވުރެ މަދުން މީހުން އާބަދުވެފައިވާ ރަށްތަކުގައެވެ.

ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު އަލަށް ބައްޓަން ކުރެވުނު ޒަމާނުގައި، އެންމެ ބޮޑު އިސްކަމެއް ދެވުނީ ޕްރައިމަރީ ހެލްތުކެއަރ މެދުވެރިކޮށް ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. ނަމަވެސް، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއި ދުނިޔޭގެ ޞިއްޙީ އޮނިގަނޑަށް އައި ބަދަލުތަކާއި ލިބުނު ކުރިއެރުންތަކާއި އެހެނިހެން ކަންކަމާ ގުޅިގެން، ޞިއްޙީ ނިޒާމުގެ ފޯކަސް ބަދަލުވީ ކިއުރެޓިވް ކެއަރ ނުވަތަ ބަލިވުމަށްފަހު ބޭސްފަރުވާ ހޯދުމުގެ ގޮތުން، ސްޕެޝަލިސްޓް ކެއަރ ކުރިއެރުވުމުގެ ސިސްޓަމަކަށެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލްތަކާއި ޒަމާނީ ހެލްތު ސެންޓަރުތައް ޤާއިމު ކުރުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ.

ނަމަވެސް، މި ސަރުކާރުގެ މައިގަނޑު އަމާޒަކީ ބަލިވުމަށްފަހު ބޭސްފަރުވާ ހޯދުމުގެ ސިސްޓަމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަލުން ދިރުވުމުގެ ގޮތުން ލާމަރުކަޒީ އުޞޫލަކުން ޞިއްޙީ ޚިދުމަތްތައް ކުރިއެރުވުމެވެ.

މި އަމާޒަށް ވާޞިލް ވުމަށްޓަކައި މިވަނީ ޕްރައިމަރީ ހެލްތު ކެއަރ ވަރުގަދަ ކުރުމުގެ ޚާއްސަ ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައެވެ. މި ޕްރޮގްރާމް ކުރެއްވުމަށް އަތޮޅުތަކަށް ދަތުރު ކުރައްވާފައިވަނީ، ކޮމިއުނިޓީ ހެލްތު އޮފިސަރުންނާއި ފެމިލީ ހެލްތު އޮފިސަރުންގެ ގޮތުގައި ޕްރައިމަރީ ހެލްތުކެއަރ ގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ އިތުބާރުހުރި ބޭފުޅުންކަމަށް ހެލްތް ،މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ކޮންމެ ރަށެއްގެ ހެލްތު ސްނެޕްޝޮޓެއް ނެގުމަށްޓަކައި، އަދި ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީ ނެގުމަށްޓަކައި ސޮފްޓްވެއަރއެއް ވަނީ ތައްޔާރު ކޮށްފައެވެ. މިސޮފްޓްވެއަރ މެދުވެރިކޮށް ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ކޮންމެ ރައްޔިތަކަށް ޚާއްޞަ ޕޭޝަންޓް ރިކޯޑެއް (މެޑިކަލް ހިސްޓްރީއެއް) ޤާއިމު ކުރެވޭނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. މިމެޑިކަލް ހިސްޓްރީގައި، ރައްޔިތުންގެ އިމިއުނައިޒޭޝަން ރިކޯޑުން ފެށިގެން، މިއަދާ ހަމައަށް ކުރެވުނު އޮޕަރޭޝަންތަކާއި، މިހާރު ހުރި ޞިއްޙީ މައްސަލަތަކާއި، އިޖްތިމާޢީ މައްސަލަތަކާއި، ނަފްސާނީ މައްސަލަތަކާއި، މައިންބަފައިންގެ ޞިއްޙީ މައްސަލަތަކަށް ދަންދެން ރިކޯޑް ކުރެވޭނެއެވެ.

ޕްރައިމަރީ ހެލްތު ކެއަރއަށް އައު ދިރުވުމެއް ގެނައުމުގެ ގޮތުން ހެލްތު މިނިސްޓްރީން ފެށި އައު ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ލޯންޗް ކުރުމަށް ނިންމާފައިވަނީ 7 އެޕްރީލް 2021ވަނަ ދުވަހުގައެވެ. މި ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަމުން އަންނަނީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައެވެ.

މި ޕްރޮޖެކްޓްގެ ފެށުމުގެ މަގްސަދަކީ، ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދީ، އެއްކުރެވޭ ޞިއްޙީ މަޢުލޫމާތުގެ އަލީގައި ޞިއްޙީ ނަސޭހަތްތަކާއި ލަފާ ދިނުމެވެ. އަދި ރައްޔިތުންނަށް އިތުބާރު ކުރެވޭ ޞިއްޙީ ޚިދުމަތްތެރިން ކޮންމެ ރަށެއް ގައިވެސް ޤާއިމު ކުރުންކަމަށް ހެލް މިނިސްޓްރީން ވިދާޅުވެއެވެ.