ވިޔަފާރި

2ވަނަ އިސްލާމިކް ބޭންކިންގ ފައިނޭންޝިއަލް ކޮންފަރެންސް ފަށައިފި


ރާއްޖޭގައި ބާއްވާ ދެވަނަ މޯލްޑިވްސް އިސްލާމިކް ބޭންކިންގ ފައިނޭންޝަލް އިންޑަސްޓްރީ ކޮންފަރެންސް މިއަދު ފަށައިފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑީޓޯރިއަމްގައި ކުރިޔަށްގެންދާ މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭގެ ގަވަރނަރ ޑރ. އަޒީމާ އާދަމްއެވެ.ދެވަނަ މޯލްޑިވްސް އިސްލާމިކް ބޭންކިންގ ފައިނޭންޝަލް އިންޑަސްޓްރީ ކޮންފަރެންސް ފައްޓަވައިދެއްވާ ވާހަކުފުޅުދައްކަވަމުން އެމް.އެމް.އޭގެ ގަވަރނަރ ޑރ. އަޒީމާ އާދަމް ވިދާޅުވީ، ގޮންޖެހުންތަކެއް ހުރިނަމަވެސް، ރާއްޖޭގައި އެހެން ސިނާއަތްތައް ކުރިއަރަމުންދާ އުސޫލުން އިސްލާމިކް ފައިނޭންސްވެސް ކުރިއެރުވިދާނެކަމަށެވެ.ރާއްޖޭގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކާއި، ވިޔަފާރިވެރިން އިސްލާމިކް ފައިނޭންސްގެ ތެރެއަށް މިހާރު ތަޢާރަފުވަމުންދާ ކަމަށާއި، މީގެ ސަބަބުން އެކިކަހަލަ ފައިސާގެ މުޢާމަލާތްކުރުމުގައި އާއްމުންގެ ދައުރު އިތުރަށް ފުޅާކުރެވިގެންދާނެކަމަށް ޑރ. އަޒީމާ ވިދާޅުވިއެވެ.ގަވަރނަރ އިތުރަށް ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް ފައިނޭންސްއާއި ގުޅޭ މަރުކަޒެއް ޤާއިމުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި، ބޭރުގެ އެކްސްޕާޓުންގެ އެހީގައި މަޝްވަރާތަކެއް ކުރައްވަމުންދާކަމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ. އައިޝަތު މުނީޒާ ވިދާޅުވީ، ބައިނަލް އަޤްވާމީ ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި އިސްލާމިކް ފައިނޭންސް ކުރިއަރަމުން އަންނަގޮތާއި، ވިޔަފާރިވެރިން ކުރާ އިންވެސްޓްމަންޓްތަކަށާއި، ރާއްޖޭގެ އިޤްތިސާދަށް ގެއްލުން ނުވާނޭފަދަ އުސޫލަކުން އިސްލާމިކް ފައިނޭންސް ކުރިއެރުވިދާނެ އުސޫލުތަކާއި ގުޅޭގޮތުން މި ފޯރަމްގައި މަޝްވަރާކުރެވިގެންދާނެކަމަށެވެ. ސަތޭކައަށްވުރެ ގިނަ ޑެލިގޭޓުން ބައިވެރިވާ މި ކޮންފަރެންސްގައި ފައިނޭންޝިއަލް ދާއިރާއިރާގައި ހަރަކާތްތެރިވާ، ރާއްޖެއާ ރާއްޖޭން ބޭރުގެ ތަޖްރިބާކާރުން ތަޤްރީރުކުރައްވާނެކަމަށް މި ކޮންފަރެންސް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.