ޚަބަރު

ފުލުހުންގެ ބޯޑަށް ޙާމިދު އައްޔަންކުރަން މަޖިލީހުން ރުހުން ދެއްވައިފި


ފުލުހުންގެ ބޯޑަށް ހާމިދު ޢަބްދުލްޣަފޫރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފާސްކޮށްފިއެވެ. ހާމިދަށް ރުހުން ދޭން ފެންނަކަމަށް 41 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ.

ހާމިދަށް ރުހުން ދޭން ފެންނަކަމަށް މަޖިލީހުން ފާސްކޮށްފައިވާއިރު އޭނާގެ ނަން ދިރާސާކުރި ކޮމިޓީންވެސް ވަނީ ރުހުން ދިނުމަށް ފާސްކޮށްފައެވެ. ހާމިދު ފުލުހުންގެ ބޯޑަށް އައްޔަންކޮށްފައިވަނީ އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ހަތް މެންބަރުންގެ ތެރެއިން ޢާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ ގޮތުގައެވެ. ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ބުނާގޮތުން ފުލުހުންގެ ބޯޑަށް ޢާންމުންގެ ތެރެއިން 2 މެންބަރަކު އައްޔަންކުރަންޖެހެއެވެ. އެހެންކަމުން މަޖިލީހުން ވަނީ ޢާންމުންގެ ތެރެއިން ފުލުހުންގެ ބޯޑަށް އައްޔަންކުރާ ދެވަނަ މެންބަރުކަމަށް ކުރިމަތިލުމަށް ހުލުވާލާފައެވެ.

ފުލުހުންގެ ބޯޑަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރި ހާމިދަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައިވަނީ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނަ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައެވެ. އެ ޤާނޫނުގައި ވަނީ، ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެކަމަށެވެ.

"ޕޮލިސް ބޯޑު"ގެ ނަމުގައި އެކުލަވާލާ ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.