ކުޅިވަރު

ކަގްލިއާރީއާ ވާދަކޮށް ޔުވެންޓާސް މެޗް ކާމިޔާބުކޮށްފި


އިޓާލިއަން ސެރީއާގައި އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި ކަގްލިއާރީ ބައްދަލުކުރިމެޗް ޔޫވެންޓަސް ކާމިޔާބުކޮށްފިއެވެ. ކަގްލިއާރީގެ ދަނޑުގައި ކުޅުނު މިމެޗް ޔޫވެންޓަސް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފާހަގަ ވެގެންދިޔައީ ޔޫވެންޓަސްއަށް ކުޅޭ ތަޖްރިބާކާރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ރޮނާލްޑޯވަނީ ތިންލަނޑު ޖަހާ މިމެޗްގައި ހެޓްރިކް ހަދާފައެވެ. މިމެޗްގައި ރޮނާލްޑޯ ހެދި ހެޓްރިކާއެކު ރަސްމީ މެޗްތަކުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑް މިވަނީ އޭނާއަށް ގާއިމް ކުރެވިފައެވެ. މިރިކޯޑް ކުރިންއޮންނަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ޤަބޫލްކުރާ ޕެލޭއަތުގައެވެ. ޕެލޭވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި 767 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ރޮނާލްޑޯގެ މިތިންލަނޑާއެކު އޭނާ ޖެހި ލަނޑުގެ އަދުދު މިވަނީ 770 އަށް އަރާފައެވެ. މިމެޗްގައި ކަގްލިއާރީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ޖަހާފައިވަނީ ޖިއޮވާނީ ސިމޯނީއެވެ.

މިމެޗްގައި ރޮނާލްޑޯ ހެދި ހެޓްރިކާއެކު ރަސްމީ މެޗްތަކުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑް ރޮނާލްޑޯ ގާއިމް ކުރުމާއެކު އޭނާއަށްވަނީ ޕެލޭ މަރްހަބާ ކިޔާފައެވެ. އިންގްޓަގްރާމްގައި ޕެލޭ ހާމަކުރިގޮތުގައި އޭނާގެ ރިކޯޑް މުގުރާލުމުން އެކަމަށް މަރްހަބާ ކިޔާމަށެވެ. އަދި ރޮނާލްޑޯ ކުޅޭތަން އޭނާ ވަރަށް ބަލާހިތްވާކަމަށާއި މިއީ އެއްވެސް މީހަކަށް ސިއްރުވެފައިވާ ކަމެއް ނޫންކަމަށް ޕެލޭ ހާމަކޮށްފައިވެއެވެ. މެޗަށްފަހު ރޮނާލްޑޯވެސް ވަނީ އިންސްޓަގްރާމްގައި އޭނާ މިރިކޯޑްގެ ވާހަކަ ކުރިން އެއްވެސް ވަރަކަށް ނުދައްކާ ހުރީ ކީއްވެގެންކަން ހާމަކޮށްފައެވެ. މީގެއެންމެ ބޮޑު އެއްސަބަބަކީ އޭނާ ހާމަކުރިގޮތުގައި ޕެލޭއަށް އޭނާގެ ހިތުގައި އޮތް ދުލުން ބަޔާން ނުކުރެވެވަރުގެ އިހްތިރާމާއި ލޯބީގެ ސަބަބުންކަމަށެވެ. އަދި ޕެލޭގެ މަރްހަބާއާއެކު މިއަދު އޭނާއަށް ރަސްމީ މެޗްތަކުގައި އެންމެ ގިނަ ލަނޑުޖެހިއްޖެކަމަށް ޤަބޫލް ކުރެވިއްޖެކަމަށް ހާމަކޮށްފައިވެއެވެ. މިއީ އޭނާ ދުވަހަކުވެސް ކުރެވިދާނެކަމެއް ކުރިން ޤަބޫލް ކުރި ކަމެއް ނޫންކަމަށްވެސް ރޮނާލްޑޯ ހަމަކޮށްފައިވެއެވެ.

މިމެޗުން މޮޅުވުމުން ޔޫވެންޓަސް މިހާރު އުޅެނީ ކުޅުނު 26 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި ކަގްލިއާރީ އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.