ކުޅިވަރު

ތ.އަތޮޅުގައި 30އަށް ވުރެއް ގިނަ މަޝްރޫޢު އެބަ ހިންގާ: މިނިސްޓަރ މަޙްލޫފު


ތ.އަތޮޅުގައި މިހާރުވެސް 30އަށް ވުރެއް ގިނަ ޕްރޮޖެކްޓް ޔޫތު މިނިސްޓްރީއިން ހިންގަމުންދާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރަށްވެހި ފަތިސްގައި ވާހަކަދައްކަމުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވަނީ ތ.އަތޮޅުގައި ހިންގަމުންދާ މަޝްޢޫތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައެވެ. މިގޮތުން ވިލުފުށީގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ދަނޑުގެ ވަށާފާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފަކަމަށާއި، އިޖުތިމާއީ މަރުކަޒުގެ މަސައްކަތް ތިންވަނަ ކުއަރޓާގައި ފަށަން ތައްޔާރު ވެފައިވާކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. އަދި ތިމަރަފުށީ ދަނޑުގެ ސަބްބޭސް މަސައްކަތް ނިމިފައިވާއިރު، ޓާފް ގެނެވުނުހާ އަވަހަކަށް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށޭނެކަމަށާއި ތިމަރަފުށީގައި އައުޓްޑޯ ޖިމެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާކަމަށްވެސް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. މީގެއިތުރުން ގުރައިދޫގައި ފުޓްސެލް ދަނޑުގެ މަސައްކަތް ނިމި، ރަށުގެ ރައްޔިތުން ފުޓްބޯޅަ ދަނޑެއް ބޭނުންވާތީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ގުރައިދޫގައި ފުޓްބޯޅަ ދަނޑެއް އެޅުމަށް މަސައްކަތް ކޮށްދެއްވާނެކަމަށްވެސް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. ތ.އަތޮޅުގެ މަޝްޢޫތަކާއި ބެހޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ކިނބިދޫގެ ފުޓްސެލް ދަނޑުގެ މަސައްކަތް ކުރިއަށްދާއިރު އައުޓްޑޯ ޖިމް މިއަންނަ މަހުގެ ތެރޭގައި ނިމޭނެކަމަށެވެ. އަދި ކުޑަކުދިންގެ ޕާކް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ. މަޑިފުށީގައި ވޮލީ ކޯޓެއް އެޅުމަށް މިއަހަރު ބަޖެޓް ކުރެވިފައިވާއިރު، މި ކުއަޓާގެ ތެރޭގައި ވޮލީ ކޯޓުގެ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. މަޑިފުށީގައިވެސް ކުޑަކުދިންގެ ޕާކު އެޅުމަށް ހަމަޖެހިފައިވާއިރު، ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކުރުމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތް ނިމި، މިމަސް ތެރޭގައި އިއުލާން ކުރުންކަމަށާއި ދަނޑަށް ބޭނުންވާ ޓާފް ގެނައުމަށް މިމަސް ތެރޭގައި ޓެންޑަރ ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. ވޭމަންޑޫގައި ޔޫތު މިނިސްޓްރީން ކުރިޔަށްގެންދާ މަޝްރޫޢުތަކަށް ބަލާއިރު ފުޓްސެލް ދަނޑުގެ މަސައްކަތް ނިމިފައިވާއިރު، އިޖްތިމާއީ މަރުކަޒުގެ މަސައްކަތް ދެވަނަ ކުއަރޓާގައި މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައި ވީނަމަވެސް މިކުއަޓަރގައިވެސް މަސައްކަތް ފެށޭތޯ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. ހިރިލަންދޫގެ މަޝްރުޢުގެ ދަށުން ދަނޑުގެ މަސައްކަތް ނިމިފައިވާއިރު، ވޮލީ އައުޓްޑޯ ކޯޓްގެ މަސައްކަތް އެންމެ ލަސްވެގެން އަންނަ މަސްތެރޭގައި ފެށުމަށް ވަނީ ތާވަލްކުރެވިފައެވެ. އައުޓްޑޯ ޖިމްގެ މަސައްކަތް މިއަންނަ މަހުގެ ތެރޭގައި ނިމޭއިރު ހިރިލަންދޫގައި ކުޑަކުދިންގެ ޕާކެއްވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ދިޔަމިގިލީގެ މަޝްރޫޢުތަކުގެ ތެރެއިން ފުޓްސެލް ދަނޑުގެ މަސައްކަތް ނިމިފައިވާއިރު، ފުޓްބޯޅަ ވިނަ ދަނޑެއް އެޅުމަށް މިއަހަރު ބެޖެޓް ކުރެވިފައިވާކަމަށާއި ކައުންސިލްއާއި ގުޅިގެން އެމަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. މީގެއިތުރުން ދިޔަމިގިލީގައި ކުޑަކުދިންގެ ޕާކް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޮމަދޫ އާއި ގާދިއްފުށި ފުޓްސެލް ދަނޑުގެ މަސައްކަތް ކުރިއަށްދާއިރު، ބުރުނީ ފުޓްސެލް ދަނޑު މިހާރުވަނީ ނިމިފައެވެ. ކަނޑޫދޫގައި ފުޓްބޯޅަ ވިނަ ދަނޑެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު، ކައުންސިލާއި ގުޅިގެން މިމަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ކުޑަކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވިފައިވާއިރު، އައުޓްޑޯ ޖިމް މިއަންނަ މަސްތެރޭގައި ނިންމާލެވޭނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. ވަންދޫ ދަނޑުގެ މަސައްކަތް އެކި ސަބަބުތަކާހެދި ލަސްވެފައިވާއިރު، މިކަމުގައި ރައީސް އޮފިހާއިވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ވަންދޫގެ ކުޑަކުދިންގެ ޕާކްވަނީ ހަމަޖެހިފައެވެ. ތ.އަތޮޅުގެ 13 ރަށުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްސް ތެރެއިންނާއި އޭގެ ބޭރުން ހިންގާ ޕްރޮޖެކްޓްތަކާއެކު ކޮންމެ ރަށެއްގައި 3 ޕްރޮޖެކްޓް ޔޫތް މިނިސްޓްރީން ހިންގަމުންދާކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.