ޚަބަރު

ކުޅުދުއްފުށީގައި ދެ މަފިރިއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގައި ތޫނުއެއްޗަކުން ފިރިމީހާ ޒަޚަމްކޮށްލައިފި


ކުޅުދުއްފުށީގައި ދެ މަފިރިއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ފިރިމީހާއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

އިއްޔެ މެންދުރުފަހު ހިނގި މިހާދިސާގައި ޒަޚަމްވެފައިވަނީ އުމުރުން 29 އަހަރުގެ މީހެކެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންބުނީ ފިރިހެން މީހާގެ އަތުގެ އުޅަނބޮއްޓާއި ކޮނޑާ ދެމެދު ޒަޚަމްވެފައިވާކަމަށެވެ. އަދި އެމީހާގެ ހާލު ރަނގަޅުކަމަށާއި މިއަދު ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ.

ފުލުހުން ބުނީ، ކުޅުދުއްފުށީގައި ދެ މަފިރިއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ފިރިހެން މީހާއަށް ތޫނު އެއްޗަކުން އަނިޔާވެފައިވާ މައްސަލައެއް އިއްޔެ 14:00 ގައި ހުށަހަޅާފައިވާ ކަމަށެވެ. މިކަމާގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.