ޚަބަރު

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވެގެން 3 ޕާޓީއެއް ޖޫރިމަނާކޮށްފި


ކޯވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަޅަފައިވާ ފިޔަވަޅުތަކާ ޚިލާފްވެގެން ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއާއި އިދކޮޅު ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާކޮށްފިއެވެ.

އެ ތިން ޕާޓީ ޖޫރިމަނާކޮށްފައިވާކަން ފުލުހުން ހާމަކުރެއްވިނަމަވެސް އިތުރު ތަފްސީލެއް ހާމައެއްނުކުރައްވައެވެ. އަދި ޖޫރިމަނާ ކުރީ ކިހާ ޢަދަދަކުންކަންވެސް ވިދާޅެއް ނުވެއެވެ.

އެމްޑީޕީ ޖޫރިމަނާކޮށްފައި މިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީީގެ ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގައި އެޗްޕީއޭގެ އުސޫލްތަކާއި ޚިލާފުވުމުންކަމަށް މަޢުލޫމާތު ލިބެއެވެ. އެމްޑީޕީން ބުނެފައިވަނީ އެ ހަރަކާތް ބޭއްވި އެޗްޕީއޭގެ ހުއްދައާއެކުކަމަށެވެ. ނަމަވެސް ކޯވިޑް-19 މާލެ ސަރަހައްދުގައި ފެތުރުން އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ 5 މީހުންނަށްވުރެ ގިނަ މީހުން އެއްވަގުތެއްގައި މާލެ ސަރަހައްދުގައި އެއްވެ ނޫޅެވޭގޮތަށް އުސޫލެއް އެކުލަވާލައި އާންމުކޮށްފައެވެ. ނަމަވެސް އެމްޑީޕީގެ އެހަރަކާތުގައި އެއަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

މީގެ އިތުރުން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީވެސް ޖޫރިމަނާކޮށްފައި މިވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެޕާޓިގެ އިސްވެރިންނާއި ޕާޓީގެ މެންބަރުން އެއްވެސް މުޒާހަރާކުރުމުގެ ސަބަބުންނެވެ. އެ ދެޕާޓިން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ.

އަދި ފުލުހުންނާއި މުޒާހަރާއިގެ ބައިވެރިން ކުރިމަތިލުންތަކެއް ހިންގާފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގިނަ ޢަދަދެއްގެ ބަޔަކު ގެންދިއުމަށްފަހު އެމީހުން ޖޫރިމަނާކޮށްފައިވެއެވެ.