ވިޔަފާރި

މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ޖުލައިމަހު ފަށަނީ


މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ފެށޭނެކަމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މިހާދު ވިދާޅުވީ، ސަރުކާރުން މިހާރު މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މިހާދު ވިދާޅުވީ، މާފަރު އެއަރޕޯޓަށް ވައިޓް ބޮޑީ އެއަރކްރާފްޓް ޖެއްސޭނީ ރަންވޭ އަދި އިތުރަށް ބޮޑުކޮށްގެންކަމަށެވެ. އެހެންކަމުން ރަންވޭ ބޮޑުކުރުމުގެ މަސައްކަތް މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ފެށޭނެކަމުގެ މައުލޫމާތު ލިބިފައިވާކަމަށް މިހާދު ވިދާޅުވިއެވެ.

"މިވަގުތު މާފަރު ރަންވޭގެ ލެންތުން އަޅުގަނޑުމެންނަށް ޖެއްސެނީ ޝޯޓަލް ފްލައިޓްސް. ވައިޓްބޮޑީ އެއަރކްރާފްޓް ޖެއްސެނީ އަދި އިތުރަށް ރަންވޭ ދިގުކޮށްގެން. އަޅުގަނޑަށް މައުލޫމާތު ލިބިފައިން ގޮތުގައި މިއަހަރު ޖުލައިގައި ރަންވޭގެ ދިގުމިން އިތުރުކުރުމުގެ މަޝްރޫއު ފެށޭނެ." މިހާދު ވިދާޅުވިއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކުރިއަށްގެންދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން "ރަށްވެހި ފަތިސް"ގެ ކެނޑިޑޭޓުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ މާފަރު އެއަޕޯޓު ބޮޑުކުރުމުގެ ބޮޑު މަޝްރޫޢު ވަރަށް އަވަހަށް ފަށާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، މާފަރު އެއަރޕޯޓް ބޮޑުކުރުމަށް އަބޫދާބީ ޑިވޮލޮޕްމަންޓް ފަނޑުން ހުއްދަ ލިބި ބީލަމަށް ހުޅުވާލެވިފައިވާކަމަށެވެ. މި މަޝްރޫއުގެ ދަށުން ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި، އޭއާއެކު އެތަނުން ތެޔޮ ލިބޭނެގޮތާއި، ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މާފަރު އެއަރޕޯޓަކީ އުތުރު ސަރަޙައްދަށް މުހިއްމު އެއަރޕޯޓެކެވެ. މާފަރު އެއަރޕޯޓަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައްވެސް އަންނަނީ ޖައްސަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް މާފަރަށް 211 ޕްރައިވެޓް ޖެޓް ވަނީ ޖައްސާފައެވެ. 2019 ވަނަ އަހަރު ޑޮމެސްޓިކް 120 ފްލައިޓާ، އިންޓަރނޭޝަނަލް 8 ފްލައިޓް މާފަރުގައި ޖައްސާފައިވާއިރު، ނިމިދިޔަ 2020 ވަނަ އަހަރު ޑޮމެސްޓިކް 620 ފްލައިޓާއި، 229 އިންޓަރނޭޝަނަލް ފްލައިޓް ވަނީ ޖައްސާފައެވެ.