ޚަބަރު

ޗެކް ރިޕަބްލިކުގެ ޚާރިޖީ އިދާރާއެއް ޤުދުސްގައި ޤާއިމުކުރުމުން ފަލަސްޠީނާއި ޢަރަބި ލީގުގެ ނުރުހުން


އިސްރާއީލުގައި ހުންނަ ޗެކް ރިޕަބްލިކުގެ ޚާރިޖީ އިދާރާއެއް ޤުދުސްގައި ހުޅުވުމުން ފަލަސްޠީނުގެ ސަރުކާރާއި ޢަރަބި ލީގުން ނުރުހުން ފައުޅުކޮށްފިއެވެ.

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެ ޤައުމުން ދެކޭ ޤުދުސްގައި ޗެކް ރިޕަބްލިކުގެ ޚާރިޖީ އިދާރާއެއް ހުޅުވާފައިވަނީ މާރިޗު މަހުގެ 11ވަނަ ދުވަހުއެވެ. އެ އިދާރާ ހުޅުވުމުގެ ރަސްމިއްޔާތުގައި ޗެކް ރިޕަބްލިކުގެ ބޮޑުވަޒީރު އަންދުރޭޖް ބާބިސް ބައިވެރިވެވެޑައިގެންނެވިއެވެ. އިސްރާއީލާއި ޗެކް ރިޕަބްލިކާ ދެމެދު އޮންނަ ގާތް ގުޅުމާ ގުޅޭގޮތުން އެ ރަސްމިއްޔާތުގައި އޭނާ ވާހަކަ ދެއްކެވިއެވެ. ޗެކް ރިޕަބްލިކުގެ ޚާރިޖީ އިދާރާއެއް ޤުދުސްގައި ހުޅުވާފައިވަނީ އެ ޤައުމަށް އިސްރާއީލުން ގިނަ ޢަދަދެއްގެ ކޯވިޑް-19ގެ ވެކްސިން ހަދިޔާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީނުގެ ޙާރިޖީ ވުޒާރާއިން ބުނީ ޤުދުސްގައި ޚާރިޖީ އިދާރާއެއް ޗެކް ރިޕަބްލިކުން ޤާއިމުކުރުމަކީ ފަލަސްޠީނުގެ ރައްޔިތުންނާއި އެ މީހުންގެ ހައްޤުތަކަށް ދެވޭ ޙަމަލާއެއްކަމަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއްކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ޞުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަސަރުކުރާނެކަމަށެވެ.

ޢަރަބި ލީގުން ބުނީ ޤުދުސްގައި ޗެކް ރިޕަބްލިކުގެ ޚާރިޖީ އިދާރާއެއް ހުޅުވުމުން ޤުދުސްގެ ޤާނޫނީ މަޤާމަށް އަސަރުކުރާނެކަމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އިރުމަތީ ޤުދުސަކީ އިސްތިޢުމާރުކޮށްފައިވާ ބިމެއްކަން ޢަރަބި ލީގުން ފާހަގަކުރެއެވެ.

އިސްރާއީލާއި ފަލަސްޠީނުގެ މައްސަލައިގެ އެންމެ މައިގަނޑު އެއް ދެބަސްވުމަކީ ޤުދުސްގެ މައްސަލައެވެ. 1967ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރިއާއި ޣައްޒާ އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ފަލަސްޠީނަކީ މިނިވަން ދަޢުލަތެއް ގޮތުގައި ކަނޑައެޅުމަށް ކުރާ މަސައްކަތުގެ ދަށުން އެ ޤައުމުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ޤާއިމުކުރުމަށް ފަލަސްޠީނުން ބޭނުންވެއެވެ.

ޗެކް ރިޕަބްލިކުގެ އިތުރުން އެމެރިކާއާއި ގުއަޓަމާލާއިންވަނީ ޤުދުސްގައި ޚާރިޖީ އިދާރާތައް ޤާއިމުކޮށްފައެވެ.