ކުޅިވަރު

ޓީޓީގެ ބައިނަލްއަޤުވާމީ ދެ މުބާރާތެއް ރާއްޖޭގައި ބާއްވަނީ


ކޮމަންވެލްތު ޔޫތު ޓުއަރ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މިއަހަރުގެ އޯގަސްޓް މަހު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިއްޖެއެވެ.

ރާއްޖެއަށް އެއް މުބާރާތަކުން އެންމެ ގިނަ ރަން މެޑަލް މިހާތަނަށް ހޯދާދީފައިވަނީ ޓީޓީއިންކަން ފާހަގަކޮށްލެވެއެވެ. އެންމެ ފަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމްވަނީ 3 ރަން މެޑަލް ހޯދާފައެވެ. މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުންވަނީ ސީނިއަރ އަދި ޖޫނިއަރ ޓީމްތަކުގެ ކޯޗަކަށް ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ހަމަޖައްސާފައެވެ. ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ގައުމީ ޓީމްތަކުގެ ކޯޗަކަށް ހަމަޖައްސާފައިވާއިރު، ކޮންސްޓަންޓީނޯސްގެ އެންމެ އިސްކަންދޭނީ އޯގަސްޓް މަހުގައި އޮންނަ ކޮމަންވެލްތު ޔޫތު ޓުއަރ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މުބާރާތަށް ޓީމް ތައްޔާރުކުރުމެވެ.

ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްއަކީ ވަރަށް ތަޖްރިބާކާރު ކޯޗެކެވެ. ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްއަކީ ވަރަށް ތަޖްރިބާކާރު ކޯޗެއްކަމަށާއި ކޮންސްޓަންޓީނޯސްވަނީ ގްރީސްގެ ވަރަށް ގިނަ ޓީމްތައް އެކިއެކި މުބާރާތްތަކަށް ތަމްރީންކޮށްދީފައެވެ. ހައި ޕަރފޯމަންސް ކޯޗެއްކަމަށްވާ ކޮންސްޓަންޓީނޯސް ޔޫރަޕްގައި ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އަދި ކޮންސްޓަންޓީނޯސްގެ ފަރާތުން ރަގަނޅު ކުރިއެރުންތަކެއް ލީބޭނެކަމަށް އުއްމީދު ކުރާކަމަށްވެސް ސުޖާއު ވިދާޅުވިއެވެ. ކޮވިޑް19 އާއި ގުޅިގެން ޓީޓީ ޓީމްތަކުގެ ފަރިތަކުރުންތަކަށް ބުރުއަރާފައިވާއިރު، މިހާލުގައިވެސް ޓީޓީ ޓީމްތަކުންދަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ދަތިހާލުގައި ޓީޓީ ޓީމުތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ނަމަވެސް، ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ އެހީތެރިކަމާއެކު ހުޅުމާލޭގައިވަނީ ޓީޓީ ހޯލެއް ގާއިމްކޮށް، ރަގަނޅު ފެންވަރުގައި ޓީޓީ ޓީމުތަކަށް ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމުގެ މަގުވަނީ ފަހިކޮށްދީފައެވެ.