ކުޅިވަރު

ޑިފެންޑަރު އަލްސައީދު މަހުމޫދު ކުލަބް އީގަލްސްއަށް


މިސްރުގެ ޑިފެންޑަރު އަލްސައީދު މަހުމޫދު ކުލަބް ގްރިން ސްޓްރީޓްސް ދޫކޮށް ކުލަބް އީގަލްސްއަށް ބަދަލްވެއްޖެއެވެ.

ކުލަބް އީގަލްސްއިން ޓީމް ވަރުގަދަ ކުރަނީ ކުރިއަށް އޮތް އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ މެޗްތަކަށެވެ. މިގޮތުން ޕްލިމިނަރީ މެޗްގެ ފުރަތަމަ ބުރުގައި އީގަލްސް ވާދަކުރާނީ ބޫޓާންގެ ޗެންޕިއަން ތިމްޕޫ ސިޓީއާއެވެ. މިހާރު ހުޅުވުފައި އޮތް ޓްރާސްފަރގައި އީގަލްސްއިން ޑިފެންޑަރު އަލްސައީދު މަހުމޫދު ކުލަބްއަށް ނެގެސްފައިވާއިރު، މިއަންނަ ހޯމަ ދުވަހު ޓްރާންސްފަރ ގެ މުއްދަތު ހަމަވާއިރު އީގަލްސްގެ ބިދޭސީ ކުޅުންތެރިންނަށް ބަދަލްތަކެއް އަންނާނެކަމަށްވަނީ ބެލެވިފައެވެ. މިސީޒަންގައި ކުލަބް ގްރީން ސްޓްރީޓްސްގެ ފަހަތުގައި އަލް ސައީދުވަނީ މޮޅު ކުޅުމެއްދައްކާފައެވެ. އަދި ގްރީން ސްޓްރީޓްސްގެ ޑިފެންސްލައިން އެއްވަރެއްގައި ހިފެހެއްޓުމަށް އިދިކޮޅު ޓީމްގެ ފޯވާޑްލައިން ހުއްޓުވުމުގައިވެސް އަލް ސައީދުވަނީ މޮޅު ކުޅުމެއްދައްކާފައެވެ.

މިސީޒަންގައި ތައްޓަކާއެކު ފެށި ކުލަބް އީގަލްސްއަށް ލީގުގައި މާރަގަނޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. މާޒިޔާ ބަލިކޮށް ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކުރިނަމަވެސް، ލީގްގައި ކުލަބް އީގްލސްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. ކުލަބް އީގަލްސްއިން ސީޒަން މުހައްމަދު ޝިޔާޒް މޯހަންގެ ކޯޗްކަމުގެ ދަށުން ނިކުތްނަމަވެސް، ލީގްގެ ފުރަތަމަ ބުރު ނުނިމެނީސް މޯހަންވަނީ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އުފާލާފައެވެ. އެއަށްފަހު ޓީމަށް އިރުޝާދު ދީފައިވަނީ އެސިސްޓަންޑް ކޯޗް އަހުމަދު ނިމާދުއެވެ. ކުލަބް އީގަލްސްއާއި މިހާރު ހަވާލްވެފައިވަނީ ރާއްޖޭގެ އެންމެ ފުރަތަމަ އޭއެފްސީ ޕްރޯ ލައިސަންސް ކޯޗް މުހައްމަދު ޝާޒްލީއެވެ. ޝާޒްލީ އީގަލްސްއާއި ހަވާލްވެފައިވަނީ ޓީސީއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު މާގިނަ ދުވަސްތަކެއް ނުވަނީހެވެ. އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ކުލަބް އީގަލްސްއާއި ތިންޕޫ ސީޓީ ވާދަކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.

މިއަހަރު އޭއެފްސީއިން ނިންމާފައިވަނީ ކޮލިފައިންގެ މެޗްތައް އެއް ލެގަށް ކުރިއަށްދާ ގޮތަށެވެ. ކުލަބް އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ވާދަކުއިރު، އޭއެފްސީއިން އެއް ލެގް ކުޅޭގޮތަށް ހަމަޖައްސާފައިވަނީ ކޮވިޑް19ގެ ސަބަބުން ގައުމްތަކަށް ދަތުރުކުރުމަކީ ރާއްކާތެރިކަމަކަށް ނުވާތީއެވެ. ކުލަބް އީގަލްސް އާއި ތިންޕޫ ސިޓީ ވާދަކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ. އެއް ލެގް ކުޅޭ މިމެޗުން ކުލަބް އީގަލްސް މޮޅުވެއްޖެނަމަ، އެޓީމް ޕްރިލިމިނަރީ ދެވަނަ ބުރުގައި ދެން ވާދަކުރާނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި މިމެޗުން ކުލަބް އީގަލްސް ކުރި ހޯދައިފިނަމަ، ޕްލޭއޯފް ބުރުގައި އީގަލްސް ވާދަކުރާނެކަމަށް އެންމެ ބޮޑަށް ލާފާކުރެވެނީ އިންޑިޔާގެ ބެންގަލޫރު އެފްސީއާއެވެ.

ރާއްޖޭގެ އެންމެ ފަހުގެ ލީގް ޗެންޕިއަނުންގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންވަނީ ގުރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރުކޮށްފައެވެ. މިގުރޫޕްގައި ދެން ހިމެނެނީ އިންޑިޔާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސްއެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 14 އިން 20 އަށެވެ.