ކުޅިވަރު

ލީޑްސް ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރިމެޗް އެއްވަރުވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ލީޑްސްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެޓީމުންކުރެ އެއްވެސް ޓީމަކަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި ދެޓީމްގެ ކީޕަރުންވެސް ނުރައްކާތެރި ހަމަލާތަކެއް ދިފާއު ކުރި އިރު ދެޓީމުން ފޮނުވާލި ހަމަލާ ވަނީ ގޯލް ދަނޑިއަށްވެސް އަމާޒުވެފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ލީޑްސްގެ ހުނަރުވެރި ފޯވަޑް ޕެޓްރިކް ބެމްފަޑްއަށް އަނިޔާވުމުގެ ސަބަބުން ބޭލިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ތޯމަސް ޓުކެލް ހާމަކުރިގޮތުގައި އޭނާގެ ކުޅުންތެރިން ލިބޭ ފުރުސަތުތަކުގެ ބޭނުން މިހާރަށްވުރެ ރަނގަޅަށް ހިފަންޖެހޭ ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި އެޓީމްގައި ތިބީ ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފޭ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ. މިމެޗްގައި ޗެލްސީގެ ކުރިއަށް ކުޅެފައިވަނީ މޭސަން މައުންޓް އާއި ހަކީމް ޒިޔެކާއި ކްރިސްޓިއަން ޕުލިސިޗް އަދި ކައި ހަވާޓްޒްއެވެ. އަދި މިގޮތަށް ލިބޭ ހުސްފުރުސަތުތަކުގެ ބޭނުން ހިފަން ކިޔާދީ އެކަން ކުރުވުމަކީ އޭނާގެ ޒިންމާއެއް ކަމަށް ޓުކެލް ހާމަކުރިއެވެ. މިމެޗުން އެއްވަރު ވުމުން ޕޮއިންޓް ތާވަލްގެ ތިންވަނައަށް އެރުމަށް ޗެލްސީއަށް ލިބުނު ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. ޗެލްސީ މިހާރު އުޅެނީ ކުޅުނު 29 މެޗުން ލިބިފައިވާ 51 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ.
އަދި ލީޑްސް ވަނީ ކުޅުނު 28 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައަށް ވެއްޓިފައެވެ.