ކުޅިވަރު

ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު އެޓްލެޓިކޯއިން ގެެއްލުވާލައިފި


ސްޕެނިޝް ލަލީގާގައި އެޓްލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރިމެޗް އެއްވަރުވެ ޕޮއިންޓް ތާވަލްގައި ލިބިފައިވާ ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު އެޓްލެޓިކޯއިން ގެއްލުވާލައިފިއެވެ. ގެޓާފޭގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެޓްލެޓިކޯއިންނެވެ. އެޓްލެޓިކޯގެ ޖޮއާ ފީލިކްސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ލަނޑު ޖެހުމުގެ ކުރިން މާކޮސް ލޮރެންޓޭ އަތުން ބޯޅަ ބޭރުވެފައިވާކަމަށް ފެނުމާއެކު އެގޯލް ލަނޑަކަށް ނުބެއްޔެވެ. މިމެޗްގައި މީގެއިތުރުންވެސް ގިނަ ހަމަލާތަކެއް އެޓްލެޓިކޯއިން އުފެއްދި ނަމަވެސް މިއިން އެއްވެސް ހަމަލާއެއް އެޓްލެޓިކޯއަށް ކާމިޔާބުކުރެވޭގޮތެެއް ނުވިއެވެ. އަދި ގެޓާފޭއިންވަނީ މިމެޗްގައި ވަރަށް ރަނގަޅަށް ޑިފެންޑް ކޮށްފައެވެ. މިމެޗްގެ 70 ވަނަ މިނެޓްގައި ގެޓާފޭގެ އެލެން ނޮޔޯމްއަށްވަނީ އެޓްލެޓިކޯގެ ރެނާން ލޯޑީއަށް ކުރި ފައުލްއަކާއި ގުޅިގެން ސީދާ ރަތްކާޑު ދައްކާފައެވެ. އެހެންކަމުން މެޗްގެ ފަހު 20 މިނެޓް އެޓީމް ކުޅުނީ އެއްކުޅުންތެރިއެއް މަދުކޮށެވެ. ނަމަވެސް އެކަމުގެ ފައިދާ އެޓްލެޓިކޯއަށް ނެގޭގޮތެއް ނުވިއެވެ.

މިމެޗް އެއްވަރު ވުމުން ޕޮއިންޓް ތާވަލްގައި އެޓްލެޓިކޯއަށް ލިބިފައިވާ ލީޑު 8 ޕޮއިންޓަށް އިތުރު ކުރުމަށް ލިބުނު ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. އަދި މާދަމާ ރޭ ބާސެލޯނާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެޓްލެޓިކޯގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަވެގެންދާނެއެވެ. އެޓްލެޓިކޯއަށް މިވަގުތު ލިބިފައިވަނީ ކުޅުނު 27 މެޗުން 63 ޕޮއިންޓެވެ. ތާވަލްގެ ދެވަނަައިގާ މިވަގުތު އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބިފައިވަނީ 27 މެޗުން 57 ޕޮއިންޓެވެ. ބާރސާ އުޅެނީ 26 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތިންވަނައިގައެވެ. އަދި ގެޓާފޭ އުޅެނީ 27 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.