ކުޅިވަރު

ތާވަލްގައި ބަޔޭންއަށް ފަސް ޕޮއިންޓުގެ ލީޑެއް


ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ވަރޑަރ ބްރޭމަން ބައްދަލުކުރިމެޗް ބަޔާން ކާމިޔާބުކޮށްފިއެވެ. ބްރޭމަންގެ ދަނޑުގައި ކުޅުނު މިމެޗް ބަޔާން ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ބަޔާންއެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ޖަހައިދިނީ ބަޔާންގެ ލިއޯން ގޮރެޓްޒްކާއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ޖަހާ ލީޑު ފުޅާކޮށްދިނީ ސަރޖީ ގިނެބްރީ ޖަހައިދިން ލަނޑުންނެވެ. އަދި ބަޔާންގެ ފަހު ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މިފަހަރު ބުންޑަސްލީގާގައި ލެވަންޑޯސްކީ ކާމިޔާބުކުރި 32 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު ސީޒަނެއްގެ ތެރޭ އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑް ކަމަށްވާ 40 ލަނޑާއި އަރާ ހަމަކުރުމަށް އޭނާ ކުރާ އުންމީދު އަންނަނީ ދަމަހައްޓަމުންނެވެ. އަދި މިލަނޑާއެކު ލެވަންޑޯސްކީ މިވަނީ ބުންޑަސްލީގާގައި އެންމެ ގިނަ ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއަށްވެސް ވެގެން ގޮސްފައެވެ. މިއީ އޭނާ ބުންޑަސްލީގާގައި ކާމިޔާބުކުރި 268 ވަނަ ލަނޑެވެ. ނަމަވެސް ލަނޑު ލިސްޓްގެ އެއްވަނައިގާ އުޅޭ ކުރީގެ ތަޖްރިބާކާރު ފޯވަޑް ގަރޑް މުލަރގެ ރިކޯޑާއި ހަމަކުރުމަށް އަދި 97 ލަނޑު ކާމިޔާބުކުރަންޖެހެއެވެ. މުލަރ ވަނީ 365 ލަނޑު ކާމިޔާބުކޮށްފައެވެ.

މިމެޗްގައި ބްރޭމަންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 85 މިނެޓްގައި ޖަހާދިނީ ނިކްލަސް ފުލްކްރަގްއެވެ.

މިކާމިޔާބީއާއެކު ބަޔޭންއަށް މިހާރު ލިބިފައިވަނީ ކުޅުނު 25 މެޗުން 58 ޕޮއިންޓެވެ. އަދި ޕޮއިންޓް ތާވަލްގައި ބަޔޭންއަށް ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައިވެއެވެ. ނަމަވެސް މިރޭ އާރްބީ ލިޕްޒިގް ކުޅޭ މެޗް ކާމިޔާބުކޮށްފިނަމަ މިފަރަގު 2 ޕޮއިންޓަށް ކުޑަވެގެން ދާނެއެވެ. މިމެޗުން ބަލިވި ބްރޭމަން އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.