ކުޅިވަރު

ޑެޓްރޮއިޓް ޕިސްޓަންސްގެ މައްޗަށް ބްރޫކްލިން ނެޓްސް ކާމިޔާބު ހޯދައިފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 100 ޕޮއިންޓް 95 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 24 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 10 އެސިސްޓް ދިން ޖޭމްސް ހާޑެންއެވެ. ޕިސްޓަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 22 ޕޮއިންޓް ހޯދައިދިން ޖެރަމީ ގްރާންޓެވެ. މިއީ މިސީޒަންގައި ނެޓްސް ކާމިޔާބުކުރި 26 ވަނަ މެޗެވެ.

މިމުބާރާތުގައި މިލްވައުކީ ބަކްސްއާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 119 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯ ވަނީ އެޓީމަށް 33 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގާ 11 އެސިސްޓް ކޮށްފައެވެ. އަދި ވިޒަޑްސްގެ ރަސެލް ވެސްޓްވުޑްވަނީ އެޓީމަށް 42 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 12 އެސިސްޓް ކޮށްފައެވެ. މީގެއިތުރުން ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި މިނެސޯޓާ ޓިމްބަރވުލްސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 121 ޕޮއިންޓުން ކާމިޔާބުކުރީ ޓްރެއިލް ބްލޭޒަރސްއެވެ. މިމެޗްގައި ބްލޭޒަރސްގެ ޑެމިއަން ލިލާޑްވަނީ އެޓީމަށް 25 ޕޮއިންޓް ހޯދައިދީ 10 އެސިސްޓް ކޮށްފައެވެ. ޓިމްބަރވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 34 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާދިން ކަރލް އެންތޮނީ ޓައުންސްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު އެޓްލާންޓާ ހޯކްސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 106 ޕޮއިންޓުން ހޯކްސް ކާމިޔާބުކުރިއިރު ޗާލޮޓް ހޯނެޓްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ހޯނެޓްސްއެވެ. ނިއުޔޯކް ނިކްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 119 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. އަދި އިންޑިއާނާ ޕޭސަރސް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް 122 ޕޮއިންޓް 111 ޕޮއިންޓުން ޕޭސަރސް ކާމިޔާބު ކުރިއިރު ޑެލަސް މެވްރިކްސް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ.