ޚަބަރު

ބައިނަލްއަޤްވާމީ ވިޔަފާރީގައި ރާއްޖެއަކީ އަގުނުކުރެވޭނެފަދަ ބައިވެރިއެއް - މިނިސްޓަރ ޝާހިދު


ބައިނަލްއަޤްވާމީ ވިޔަފާރީގައި ރާއްޖެއަކީ އަގުނުކުރެވޭނެފަދަ ބައިވެރިއެއްކަމަށާއި ސަރަހައްދުގެ ހަމަޖެހުމުގައި އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމަކީ މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. "ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމޮން ވޯޓާރސް: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ނަމުގައި އިންޑިއާގެ ޗެންނާއީގައި ބޭއްވި ސެޝަންގައި މިނިސްޓަރ ޝަހިދު ވަނީ މުސްތަގުބަލުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަން އޮތް ތަރައްގީއަށް އަލިއަޅުވާލައި، ޑިމޮކްރެޓިކް ސުލްހައާއި ހަމަހަމަކަން ގާއިމުވުމުން މި ސަރަހައްދުގެ ގައުމުތަކަށް ލިބުނު ކުރިއެރުމާއި ތަރައްގީ ފާހަގަކޮށް ވާހަކަފުޅު ދައްކަވާފައެވެ. އަދި ސަރަހައްދުގެ ތަރައްގީއާއި ކުރިއެރުމާއި އަދި ސުލްހައާއި ރައްކާތެރިކަމުގެ އިތުރުން، ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި އިންޑިއާގެ މުހިއްމު ދައުރާއި އިންޑިއާގެ އިސްނެގުން ފާހަގަކުރެއްވިއެވެ.


މި އަހަރު ޗެންނާއީގައި ބޭއްވެނީ މިކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަންއެވެ. މިބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. މައިގަނޑު ގޮތެއްގައި މިބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާއި ގުޅޭގޮތުންނެވެ. މި ކޮންކްލޭވް އިންތިޒާމްކުރަނީ އިންޑިއާގެ މީޑިއާއެއްކަމަށްވާ އިންޑިއާ ޓުޑޭ އިންނެވެ

މިނިސްޓަރ ޝާހިދުގެ އިތުރުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނައާއި އިންޑިއާ ފައުންޑޭޝަންގެ ބޯރޑް އޮފް ގަވަރނާސްގެ މެމްބަރު ރާމް މަދަވް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.