ޚަބަރު

ސިއްޙީ ޚިދުމަތަކީ ރައްޔިތުންނާ ގާތުންދެވޭ ޚިދުމަތަކަށް ހެދުމުގެ މަސައްކަތް ފަށަނީ


ރާއްޖޭގެ ސިއްޙީ ނިޒާމަކީ ހެކީގެ މައްޗަށް ބިނާކޮށް ކަންކަން ނިންމާ ނިޒާމަކަށް ހެދުމަށްޓަކާ ޕްރައިމަރީ ހެލްތު ކެއަރ ވަރުގަދަ ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއާއެކު ސިއްޙީ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ދިނުމަށް މަސައްކަތްކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރަމުންނެވެ. މިޕްރޮގްރާމްގެ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ރާއްޖޭގައި މީގެ ކުރިންވެސް ވަރަށް ވަރުގަދައަށް އޮތް ޕްރައިމަރީ ހެލްތު ކެއަރއަކީ ބަލިތައް ޢާއްމުވުމުގެ ކުރިން ދުރާލާ ބައްޔާ މެދު މީހުން ހޭލުންތެރިކުރުވައިގެން ބަލިތަކުން ދުރުހެލިވުމަށް ބާރުއެޅި ޕްރޮގްރާމެކެވެ. އެހެންނަމަވެސް ދުނިޔޭގައި ބަލިތަކަށް ފަރުވާތައް ހޯދެން ފެށި ރާއްޖޭގައިވެސް ފަރުވާ ދިނުމުގެ ޚިދުމަތް ފުޅާވެގެން ދިޔުމުގެ ސަބަބުން ޕްރައިމަރީ ހެލްތު ކެއަރއަށް ދެވުނު އަހަންމިއްޔަތުކަން ކުޑަވެގެން ދިޔައީކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއެވެ.

ޕްރައިމަރީ ހެލްތު ކެއަރގެ ދަށުން ރާއްޖޭގައި ހުރި ބަލިތަކުގެ މަޢުލޫމާތާއި އެބަލިތަކުން އަރައިގަތުމަށް ގިނަ މަސައްކަތްކަތެއް ކުރެވިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ މިނިސްޓަރ ސޯފިޔާ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއަކީ ބަލިތަކާއި މީހުންގެ ދިރިއުޅުމާ ގުޅޭ ގިނަ މަޢުލޫމާތު ހިެނޭ ޤައުމެއްކަމަށާއި އެހެންނަމަވެސް ގޮތް ނިންމުމުގައި ބޭނުންކުރެވޭފަދަ ސްޓެޓިސްޓިކަށް އެމަޢުލޫމާތު ބަދަލުކޮށް ބޭނުންކުރުމުގެ ނިޒާމެއް ރާއްޖޭގައި ނެތް ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖެއަކީ ވަރަށް ބައިވަރު ރޯ ޑޭޓަރތައް އެއްކުރެވޭ ޤައުމެއް. އަޅުގަނޑުމެން މިހާރު މިމަސައްކަތްކުރަނީ އެޑޭޓަރތައް ބޭނުންކޮށްގެން ކަންކަން ނިންމާ ޤައުމަކަށް ރާއްޖެ ހެދުމަށް.އަދި ހަމައެއާއެކު ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްދިނުމަކީ ސަރުކާރުގެ އަމާޒެއް." ޑެޕިއުޓީ މިނިސްޓަރ ސޯފިޔާ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހެލްތުން މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕްރައިމަރީ ހެލްތު ކެއަރގެ ޕައިލެޓް ޕްރޮޖެކްޓްގައި އާބާދީ 1000 ދަށުގައި ހުރި 25 ރަށެއްގައި ކުރިއަށް ގެންދިޔުމަށް އަންނަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން 6 އަތޮޅަކަށް ނިސްބަތްވާ މި 25 ރަށުގައި މީހުންގެ ދިރިއުޅުމާއި އާދަކާދަތައް ހުރި ނެތްގޮތް ބެލުމާއި ދުޅަހެޔޮ ދިރިރިއުޅުމަކަށް ވާޞިލުވުމަށް ހުރި ހުރަސްތައް ދެނެގަނެ އެފަދަ ކަންކަމަށް ގެނެވޭނެ ބަދަލުތައް ދެނެގަތުމަށްވަނީ ހަމަޖެހިފައެވެ.

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމަކީ ނަފްސާނީ، ޖިސްމާނީ ބަލިތަކަށް ފެންވަރު ރަނގަޅު ފަރުވާ ހޯދުމަށް ބާރުއަޅާ ނިޒާމެކެވެ. ޕްރައިމަރީ ހެލްތު ޕްރޮގްރާމަކީ ރައްޔިތުންނާ ވަރަށް ގާތުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާ ހެލްތު މިނިސްޓްރީއިން ވިދާޅުވީ މީގެ ދަށުން ކޮމިއުނިޓީ ހެލްތު އޮފިސަރުންނާއި ފެމިލީ ހެލްތު އޮފިސަރުންގެ ދައުރު ފުޅާކުރެވިގެންދާނެކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.