ޚަބަރު

ފޭދޫގައި މާރާމާރީއެއް، 5 މީހަކު ހައްޔަރުކޮށްފި


އައްޑޫ ސިޓީ ފޭދޫގައި ދެގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން 5 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމާރާމާރީ ހިންގާފައިވަނީ ފޭދޫ ކުޑަކުދިންގެ ޕާކު ސަރަޙައްދުގައިކަމަށާއި މިމާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެގެ އިރުއޮއްސި 6:30 ހާއިރުކަމަށެވެ. ފުލުހުން ވިދާޅުވީ ފޭދޫގައި ހިނގި މާރާމާރީއާއި ގުޅިގެން ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 21 އަހަރުގެ ދެ މީހުންނާއި އުމުރުން 32 އަހަރުގެ ފިރިހެނުންކަމަށެވެ.

މިމާރާމާރީގައި 7 މީހަކަށް އަނިޔާވުމުގެ ސަބަބުން މިހާރު ފޭދޫ ސިއްޙީ މަރުކަޒުގައާއި ހިތަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް މިއިން އެއްވެސް މީހަކަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަކަމަށެވެ.