ޚަބަރު

އިންޑޮނޭޝިއާގެ މާރުކޭޓެއްގައި ރޯވެ، 11 މީހުން މަރުވެއްޖެ!


އިންޑޮނޭޝިއާގެ ޕަޕުއާގެ މާރުކޭޓެއްގައި ރޯވެ، 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެއެވެ.

އިރުމަތީގައިވާ ސެންޓްރަލް ޕަޕުއާ ސަރަހައްދުގެ ޕަނިއައި އަވަށުގައި ހުރި މާރުކޭޓެއްގައި، މެންދަމުން އަލިވި ފަހުން ހިނގި އަލިފާނުގެ ނުރައްކާތެރި ޙާދިސާއެއްގައި 11 މީހަކު މަރުވެއްޖެއެވެ. މި އަލިފާނުގެ ހާދިސާ ހިނގުމާއެކު، ރޯވި އަލިފާންގަނޑު ވަރަށް ހަލުވިކަމާއެކު ކައިރީގައި ހުރި ފިހާރަތަކަށާއި ޢިމާރާތްތަކަށް ފެތުރިގެންދިޔައެވެ.

ސަރަޙައްދީ ފުލުހުންގެ ތަރުޖަމާނު ހެންރީ ޖޭ. މަނުރުންގް ނެރުއްވި ބަޔާނެއްގައި ހާމަކުރެއްވި ގޮތުގައި، އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްފަހު އެ ސަރަޙައްދު ބަލައި ފާސްކުރިއިރު، އެއްކޮށް ފިހިގެން މަރުވެފައިވާ 11 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މަރުވި މީހުންގެ ތެރޭގައި 5 ބޮޑެތި މީހުންގެ އިތުރުން، އުމުރުން 2 އަހަރާއި 9 އަހަރާ ދެމެދުގެ 6 ކުޑަކުދިން ހިމެނޭކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާގައި 20 މީހަކަށް އެކި މިންވަރުގެ އަނިޔާތައް ލިބިފައިވާއިރު، އަލިފާނުގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި 148 ރައްޔިތަކަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް އަމާން ސަރަޙައްދުތަކަށް ބަދަލުވާން ޖެހިފައެވެ.

މި އަލިފާނުގެ ޙާދިސާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ތިން ގަޑިއިރަށްވުރެ ދިގުދެމިގެންދިޔައެވެ. އަލިފާން ނިއްވާ ލޮރީތަކާއި ވޯޓަރ ކެނަންތައް ބޭނުންކޮށްގެން ސަލާމަތީ ބާރުތަކުން ބޮޑެތި މަސައްކަތްތަކެއް ކުރި ނަމަވެސް، އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވުނީ ގިނަ އިރުތަކެއް ފަހުންނެވެ. އަލިފާން ނިއްވުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވީ، އަލިފާނުގެ ބާރުގަދަކަމުންނާއި، މާރުކޭޓުގެ ފިހާރަތަކާއި އާންމުންގެ ގެދޮރު އެއްތަނެއްގައި ތޮއްޖެހިފައި ހުރުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި މަދުވެގެން 40 އަށްވުރެ ގިނަ ފިހާރައާއި އާންމުންގެ ގެދޮރު ވަނީ މުޅިން އަނދައި އަޅިއަށް ވެފައެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ޚާއްޞަ ތަޙުޤީޤެއް ހިންގަމުންނެވެ. އިންޑޮނޭޝިއާއަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނޭޅުމުގެ ސަބަބުން، މިފަދަ ނުރައްކާތެރި އަލިފާނުގެ ޙާދިސާތައް ވަރަށް ގިނައިން ހިނގާ ޤައުމެކެވެ.
އެގޮތުން ފާއިތުވި ޑިސެމްބަރު މަހު ސެންޓްރަލް ޖަކާޓާގެ 7 ބުރީގެ އޮފީސް އިމާރާތެއްގެ އެންމެ ތިރީ ބުރީގައި އޮތް ޑްރޯން ބެޓެރިއެއް ގޮވައިގެން ހިނގި އަލިފާނުގެ ޙާދިސާއެއްގައި 22 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން، 2023 ވަނަ އަހަރު އެޤައުމުގެ އިރުމަތީގައިވާ ދަގަނޑުގެ މަސައްކަތް ކުރާ ކާރުޚާނާއެއްގައި ހިނގި ގޮވުމެއްގައި މަދުވެގެން 12 މީހުން މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.