ކުޅިވަރު

ޓީ ޓުވެންޓީގެ ފުރަތަމަ މެޗް އިންގްލަންޑް ކާމިޔާބުކޮށްފި


އިންޑިއާއަށް މިހާރު ދަތުރު ކުރަމުންދާ އިންގްލަންޑް ކްރިކެޓް ޓީމާއި އިންޑިއާ އާއި ދެމެދު ކުޅުމަށް ހަމަޖެހިފައިވާ ޓީ ޓުވެންޓީ ފަސް މެޗްގެ ތެރެއިން ފުރަތަމަ މެޗް އިންގްލަންޑް ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ. މިމެޗް އިންގްލަންޑް ކާމިކާބުކުރީ އަށް ވިކެޓުންނެވެ.

އިންޑިއާގެ އަހްމެދާބާދުގައި ކުޅުނު މިމެޗްގައި އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން އިންޑިއާއަށް ހެދުނީ 124 ލަނޑެވެ. އިންޑިއާއަށް އެންމެ ރަނގަޅަށް ކުޅުނީ 48 ބޯޅައަށް 67 ލަނޑު ހެދި ޝްރެޔާސް އިޔަރު އެވެ. މިމެޗްގައި އިންގްލަންޑްގެ ޖޮފްރާ އާރޗަރވަނީ 23 ލަނޑަށް ތިން ވިކެޓް ނަގާފައެވެ. އަދި އިންޑިއާގެ ކެޕްޓަން ވިރާޓް ކޯލީ ނުބައިވީ އާދިލް ރާޝިދުގެ އުކުމުގައި ޑަކަކަށެވެ. މިމެޗްގައި އިންޑިއާއަށް މާރަނގަޅަކަށް ކުޅެވިފައެއް ނުވެއެވެ. ޖަވާބުގައި އިންގްލަންޑް ކުޅެން އަރާ 27 ބޯޅަ ބާކީ އޮއްވާ ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 130 ލަނޑު ހަދާފައެވެ. އިންގްލަންޑަށް އެންމެ ރަނގަޅަށް ކުޅުނީ 32 ބޯޅައިން 49 ލަނޑު ހެދި ޖޭސަން ރޯއިއެވެ.

މިދެޓީމްގެ ދެމެދުގައި ކުޅޭ ޓީ ޓުވެންޓީގެ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.