ކުޅިވަރު

ނިއުކާސްލް ރެލިގޭޝަނާއި އެއްޕޮއިންޓް ދުރަށް


އިންގްލިޝް ޕްރިމިއަރ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއް ލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއެވެ. ނަމަވެސް ނިއުކާސްލްއިންވެސްވަނީ ވިލާގެ ގޯލަށް ނުރައްކާކޮށް ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އަދި ދެވަނަ ހާފްގައިވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މާއެދެވޭ ކުޅުމެއް ނުކުޅެވި މެޗް އެއްވަރުވާނެކަމަށް ގިނަ ބަޔަކަށް ހީވެފައިވަނިކޮށް މިމެޗްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗްގެ 86 ވަނަ މިނެޓްގައެވެ. ވިލާއިން ކާމިޔާބުކުރި މިލަނޑަކީ އެޓީމްގެ އޮލީ ވޮޓްކިންސް ނިއުކާސްލްގެ ގޯލަށް ބޮލުން ފޮނުވާލި ހަމަލާއެއް ނިއުކާސްލްގެ ކިއެރަން ކްލާކްގެ ގައިގައި ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ. މިލަނޑާއެކު މިމެޗުން ނިއުކާސްލް ބަލިވާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް އެޓީމުން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށްވީ މެޗްގެ އިތުރު ވަގުތުގައި އެޓީމުގެ ކެޕްޓަން ޖަމާލް ލަސުލްޒް ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ.

މިމެޗް އެއްވަރު ވުމުން ރެލިގޭޝަންގެ ބިރު ހީވެފައިވާ ނިއުކާސްލް މިވަނީ ރެލިގޭޝަނާއި އެއްޕޮއިންޓް ދުރަށް ޖެހިލާފައެވެ. އެއީ ކުޅުނު 28 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކުއެވެ. ނަމަވެސް މިހަފްތާގައި އެހެން މެޗްތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން ނިއުކާސްލް ރެލިގޭޝަނަށް ވެއްޓުމަކީވެސް އެކަށީގެންވާކަމެކެވެ. މިވަގުތު 18 ވަނައިގާ އޮތް ފުލަމްއާއި ނިއުކާސްލް އާއި ދެމެދު އޮތީ 2 ޕޮއިންޓްގެ ތަފާތެކެވެ. މިމެޗް އެއްވަރު ވުމުން ވިލާއިން މިއަންނަ ސީޒަންގައި ޔޫރަޕުން ޖާގައެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް މިވަނީ އިތުރު ހުރަހެއް ކުރިމަތިވެފައެވެ. ވިލާ މިވަގުތު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.