ފޯމިއުލަރ ވަން ކާރު ރޭސް ސީޒަން ފެށުމުގެ ކުރިން މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއްގެ ކާރު ޓެސްޓް ކުރުމަށް ދެވޭ ތިން ދުވަހުގެ ޓެސްޓް ކުރުންތަށް ބަހްރެއިންގައި ފަށައިފިއެވެ.
ފުރަތަމަ ދުވަހުގެ ޓެސްޓް ދަތުރުތަކުގައި އެންމެ ރަނގަޅުކަމަށް ފެނިގެންދިޔައީ ރެޑްބުލްގެ ކާރެވެ. މިގޮތުން އެންމެ އަވަހަށް ބުރު ޖެހިފައިވަނީ ރެޑްބުލްގެ މެކްސް ވަރސްޓެޕަން އަށެވެ. އޭނާވަނީ އެއް މިނެޓް ތިރީސް ޕޮއިންޓް ހައެއް ހަތެއް ހަތަރެއް ސިކުންތުން ބުރެއް ޖަހާފައެވެ. ދެވަނައަށް މެކްލެރެންގެ ލަންޑޯ ނޮރިސް އެންމެ އަވަހަށް ބުރުޖަހާފައިވާއިރު ތިންވަނައަށް އެންމެ އަވަހަށް ބުރުޖަހާފައިވަނީ އެލްޕައިންގެ އެސްޓެބާން އޮކޮންއެވެ. ހަތަރު ވަނައިގައި އޮތީ އެސްޓަން މާޓިންގެ ލާންސް ސްޓްރޯލް އެވެ. އަދި ފަސްވަނައިގާ އޮތީ ފެރާރީގެ ކާލޯސް ސައިންޒްއެވެ.
އެންމެ ފަހުގެ ޗެމްޕިއަން މާރސިޑީޒްއަށް ފުރަތަމަ ދުވަސް މާރަނގަޅު ދުވަހަކަށް ނުވިއެވެ. މިގޮތުން ދުނިޔޭގެ ޗެމްޕިއަން ލުއިސް ހެމިލްޓަން ފުރަތަމަ ދުވަހު ދިޔައީ 10 ވަނައަށް އަށެވެ. އަދި އެޓީމްގެ ދެވަނަ ދުއްވުންތެރިޔާ ވެލްޓެރީ ބޮޓާސް ދިޔައީ 17 ވަނައަށެވެ. މިގޮތުން ބޮޓާސްގެ ކާރުގެ ގިޔަރ ބޮކްސްގެ މައްސަލައެއް ދިމާވެ އޭނާއަށް މާރަނގަޅަށް ދުއްވޭ ގޮތް ނުވި އިރު ހެމިލްޓަންއަށްވެސް ކާރު ޓްރެކްމަތީ ކޮންޓްރޯލް ހިފެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވިތަން ފެނިގެންދިޔައެވެ. ނަމަވެސް މިމައްސަލަތަކާއެކުވެސް މިސީޒަން ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ޤަބޫލް ކުރަނީ މަރސިޑީޒްއެވެ. އަދި ހެމިލްޓަން އަށްވަނަ ފަހަރަށް ފޯމިއުލަރ ވަން ކާރު ރޭހުގެ ސީޒަން ކާމިޔާބުކުރާނެކަމަށްވެސް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ.