ޚަބަރު

ސޯސަންވިލާގެ ދަރިވަރުން އެސްއެސްސީ މޮކް އެގްޒާމް ފަށައިފި


ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އެސްއެސްސީ މޮކް އެގްޒާމް ފަށައިފިއެވެ.

ސޯސަންވިލާގައި ކުރިޔަށްދާ މި އިމްތިޙާންގައި އެތަނުގައި ތަޢުލީމް ޙާސިލް ކުރަމުން އަންނަ 14 ދަރިވަރެއްގެ އިތުރުން އަމިއްލަ ގޮތުންވެސް 7 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

މިމަހުގެ 11 ވަނަ ދުވަހު ފެށި އެސްއެސްސީ މޮކް އެގްޒާމްގައި މިހާރު ވަނީ އިސްލާމް މާއްދާގެ ދެ ޕޭޕަރުގެ ޓެސްޓް ނިމިފައެވެ. މި ދަރިވަރުންގެ ދިވެހި ޓެސްޓް އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ކުރިޔަށް އޮތް މެއި މަހު އޮންނަ އެސްއެސްސީ އިމްތިޙާނަށްވެސް ސޯސަންވިލާގެ ދަރިވަރުން ދަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. އެގޮތުން ދަރިވަރުން އިމްތިޙާނަށް ތައްޔާރު ވުމުގެ ގޮތުން އިތުރު ކްލާސްތަކެއްވެސް ސޯސަންވިލާއިން ދަނީ ނަގަމުންނެވެ.

އެމްއީސީސީ ނުވަތަ ސޯސަންވިލާއަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި، އިސްލާމް، ޤުރުއާން ކިޔަވައި ދެމުން އަންނަ ތަނެކެވެ. އެތަނުގައި ނާސަރީން ފެށިގެން ގްރޭޑް 10 އަށް ކިޔަވައި ދެމުން ގެންދެއެވެ. ސޯސަންވިލާގައި ކިޔަވައިދެނީވެސް ރާއްޖޭގެ ޓީޗަރުންނެވެ.