ދުނިޔެ

18 މަތީ އެންމެނަށް މެއިމަހުގެ ކުރިން ވެކްސިންދޭނަން - ބައިޑަން


އެމެރިކާގެ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން ވެކްސިން ޖެހުމުގެ ފުރުޞަތު ހަމަޖައްސައިދޭނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. ކޯވިޑް ފެތުރެން ފެށިފިތާ އެއް އަހަރުވުމުން ދެއްވި ހިޠާބެއްގައި ބައިޑަން ވިދާޅުވީ ކޯވިޑްގެ ސަބަބުން އެމެރިކާގައި 530،000އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށާއި އެ ޤައުމު އޮތީ އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި ޤައުމުގެ ގޮތުގައިކަމަށެވެ.

ކޯވިޑާއި ދެކޮޅަށް ވެކްސިން ދިނުމުގެ ދުވެލި އަވަސްކޮށް މެއި މަހުގެ ކުރިން އެމެރިކާގެ ހުރިހާ ބޮޑެތި މީހުންނަށް ވެކްސިން ދެވޭނޭ ގޮތް ހަމަޖެއްސުމަށް ސްޓޭޓުތަކަށް އަންގަވާނެކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ޖުލައި މަހުގެ 4ވަނަ ދުވަހު އެމެރިކާގައި ފާހަގަކުރާ އެ ޤައުމުގެ މިނިވަން ދުވަހުގެ ކުރިން ކުރީގެ އާންމު ދިރިއުޅުމާއި ގާތަށް ދަތުރުކުރެވޭނެކަމަށް އުންމީދުކުރައްވާކަމަށް ބައިޑަން ވިދާޅުވިއެވެ. މިނިވަން ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތަކުގައި ޢާއިލާއާއި ރަހުމަތްތެރިންނަށް ކުދި ޖަމާޢަތްތަކުގައި އެކުގައި ބައިވެރިވެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

މީގެ ކުރިން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓު ހައުސުންވަނީ އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ފުދޭ ވަރަށް މެއި މަސް ނިމުމުގެ ކުރިން ވެކްސިން ލިބޭނެކަމަށް ބުނެފައެވެ. އެމެރިކާގެ ރައްޔިތުންގެ ތެރެއިން 10 އިންސައްތައަށް މިހާތަނަށްވަނީ ވެކްސިންދީ ނިންމައިފައެވެ.

ބައިޑަންގެ ހިޠާބުގައި ވިދާޅުވީ ވެކްސިން ދިނުމުގެ މަޝްރޫޢުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަސްކަރިއްޔާގެ އިތުރު ފައުޖުތައް ނެރުއްވާނެ ކަމަށެވެ. އަދި އާންމުންނަށް ވެކްސިން ދިނުމުގެ މަސައްކަތުގައި ބައިވެރިވާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ޑެންޓިސްޓުންނާއި ލޮލުގެ ޑޮކްޓަރުންނާއި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންފަދަ ބައެއް ފަރާތްތައް ބައިވެރިކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

ވެކްސިން ދިނުމުގެ ދުވެލި އަވަސްކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ރައްޔިތުން ދެމިތިބުމަށް ބައިޑަން ގޮވައިލެއްވިއެވެ.