ދުނިޔެ

އަސްކަރިއްޔާއިން ސޫކީގެ މައްޗަށް ތުހުމަތުތަކެއް


މިޔަންމާގެ އެންމެ އިސްވެރިޔާ އަން ސަން ސޫކީ ޤާނޫނާ ޚިލާފަށް 600،000 އެމެރިކާ ޑޮލަރާއި 11 ކިލޯގެ ރަން ހޯއްދަވާފައިވާކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ސޫކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ސިފައިން ބަޣާވާތްކުރުމަށްފަހު ސޫކީއާއި އެނާގެ ސަރުކާރަށް ނިސްބަތްވާ އިސްވެރިން އަސްކަރިއްޔާއިން ހައްޔަރު ކުރީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. ސޫކީ ހައްޔަރުކުރި ފަހުން އޭނާއާ ދެކޮޅަށް އަސްކަރިއްޔާއިންދަނީ އެކި ކަހަލަ ތުހުމަތުތައް ކުރަމުންނެވެ.

ނަހަމަގޮތުގައި ފައިސާއާއި ރަން ހޯއްދަވާފައިވާކަމަށް އަސްކަރިއްޔާއިން ކޮށްފައިވާ އެންމެ ފަހުގެ ތުހުމަތުތަކަކީ މިހާތަނަށް އަސްކަރިއްޔާއިން ކޮށްފައިވާ އެންމެ ވަރުގަދަ ތުހުމަތެވެ. ނަމަވެސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް އަސްކަރިއްޔާގެ ފަރާތުން މިހާތަނަށްް ހާމަކޮށްފައެއް ނުވެއެވެ. ސޫކީ ނިސްބަތްވެ ވަޑައިގަންނަވާ ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކުވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.

ސޫކީއާ ދެކޮޅަށް އަސްކަރިއްޔާއިން ވަރުގަދަ ތުހުމަތުތަކެއް ކުރަމުންދާ މި ދަނޑުވަޅުގައި ޤައުމުގައި ކުރި ބަޣާވާތާ ދެކޮޅަށް މިޔަންމާގައި މުޒާހަރާކުރަމުންދާ ރައްޔިތުންނާ ދެކޮޅަށް އަސްކަރިއްޔާއިން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންދާކަމަށް އދ.ންވަނީ ތުހުމަތުކޮށްފައެވެ. އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާ އެމްނެސްޓީ އިންޓަނޭޝަލުންވެސް ވަނީ އެ ތުހުމަތުތަކަށް ބާރު ލިބޭ ފަދަ ހެއްކާއި އެކު އެ ވާހަކަތައް ދައްކާފައެވެ.

އަސްކަރިއްޔާއިން ހިންގި ބަޣާވާތާއި ދެކޮޅަށް އާއްމުން ކުރަމުން އަންނަ މުޒާހަރާތަކުގައި މިހާތަނަށް 70 ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކުވަނީ ޒަހަމްވެފައެވެ. ސިފައިންދަނީ މުޒާހަރާ ކޮންޓްރޯލުކުރުމަށް ހަތިޔާރާއި އެކު މަގުމައްޗަށް ނުކުމެ ބަޑިވެސް ޖަހަމުންނެވެ.