ގަތަރު އޯޕަން ނެޓިސް މުބާރާތުގެ ކުއާޓަރ ފައިނަލުން ސްވިޓްޒަލަންޑްގެ ރޮޖަރ ފެޑެރަރ ކަޓައިފިއެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލުން ފެޑެރަރ ކެޓީ ޖޯޖިއާގެ ނޮކޮލޯޒް ބަސިލާޝްވިލީ އާއި ބައްދަލުކޮށް 2 ސެޓް އެއްސެޓުން ބަލިވުމުންނެވެ.
ދެކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު ތިނެއް ހަޔަކުން ކާމިޔާބުކުރީ ފެޑެރަރއެވެ. ނަމަވެސް ދެވަނަ ސެޓް ބަސިލާޝްވިލީވަނީ ހައެއް އެކަކުން ކާމިޔާބުކޮށް ތިންވަނަ ސެޓަކަށް މެޗް ގެންގޮސްފައެވެ. ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ތިންވަނަ ސެޓްގެ 10 ވަނަ ގޭމްގައި ފެޑެރަރއަށް މެޗް ކާމިޔާބު ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އަދި ނަތީޖާއަކަށްވީ ބަސިލާޗްވިލީ ތިންވަނަ ސެޓް ހަތެއް ފަހަކުން ކާމިޔާބު ކުރުމެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ފެޑެރަރ ހާމަކުރިގޮތުގައި މިމެޗުން ބަލިވި ނަމަވެސް ޖެހިޖެހިގެން ދެދުވަހު ތިން ސެޓްގެ ދެމެޗް ވަރުގަދަ ދެކުޅުންތެރިންނާއި އެއްވެސް މައްސަލައެއް ކުރިމަތި ނުވެ ކުޅެވުން މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އޭނާ އަދި ސައްތައިން ސައްތަ ފިޓު ނޫން ކަމަށެވެ. ފެޑެރަރ ބުނީ އޭނާއަށް އަދި ފަހެއް ނުވަތަ ހަހަފްތާގެ ފަރިތަކުރުން ބޭނުން ވާކަމަށާއި އަދި ވިންބަލްޑަންގެ ކުރިން މިއޮތް ހަތަރު ވަރަކަށް މަސް ތެރޭ ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މިމެޗުން މޮޅުވުމުން ބަސިލާޝްވިލީ ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނީ ފެޑެރަރ ބަލިކުރެވުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް. މިމުބާރާތުގެ ސެމީފައިނަލްގައި ބަސިލާޝްވިލީ ބައްދަލުކުރާނީ އެމެރިކާގެ ޓޭލަރ ފްރިޓްޒްއާއެވެ. ފްރިޓްޒް ސެމީފައިނަލުން ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ޑެނިސް ޝަޕޮވަލޯވް އާއި ބައްދަލުކުރިމެޗް 2 ސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ފަހެއް ހަތެއް، ހައެއް ތިނެއް އަދި ހަތެއް ފަހަކުންނެވެ.