ކުޅިވަރު

ޔޫރޮޕާ ލީގުގައި އޮލިމްޕިއާކޯސްއާ ވާދަކޮށް ފުރަތަމަ ލެގް އާސެނަލްއަށް


ޔުއޭފާ ޔޫރޮޕާ ލީގުގެ ފަހު 16 ޓީމްގެ ބުރުގެ ފުރަތަމަ ލެގްގައި ގްރީސްގެ އޮލިމްޕިއާކޯސް އާއި އާސެނަލް ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށް މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ. އޮލިމްޕިއާކޯސްގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލް ކާމިޔާބުކުރީ 3 ލަނޑު އެއް ލަނޑުންނެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ އާސެނަލްއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޓިން އެޑެގާޑްއެވެ. މިމެޗްގެ 58 ވަނަ މިނެޓްގައި އާސެނަލްގެ ޑިފެންސްގައި ހެދި ގޯހެއްގެ ފައިދާ ނަގައި އޮލިމްޕިއާކޯސްއިން ވަނީ ލަނޑެއް ޖަހައި މިމެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޔޫސުފް އެލް އަރަބީއެވެ. މިމެޗްގައި އާސެނަލްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗްގެ 79 ވަނަ މިނެޓްގައި ގެބްރިއެލް ޖަހައިދިން ލަނޑުންނެވެ. އަދި މިމެޗްގައި އާސެނަލްގެ ފަހު ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހައިދިނީ މުހަންމަދު އެލްނެނީއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އާސެނަލްއަށް ލިބުނު ކަން ފާހަގަކޮށްލެވެއެވެ.

މިކާމިޔާބީއާއެކު އާސެނަލްއަށް މިހާރު މިވަނީ އަމިއްލަ ދަނޑުގައި ދެވަނަ ލެގަށް ނިކުންނައިރު ރަށުން ބޭރުގައި މުހިންމު ތިން ލަނޑު ކާމިޔާބު ކުރެވިފައެވެ. އެހެންކަމުން މިމުބާރާތުގެ ކްއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑީ އާސެނަލްއަށެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ބުނީ އެޓީމުން އިދިކޮޅު ޓީމްތަކަށް ލަނޑު ހަދިޔާ ކުރުން ހުއްޓާލަން ވެއްޖެ ކަމަށެވެ. އަދި ބޮޑެތި މެޗްތަކުގައި އެގޮތަށް މިސްޓޭކް ހެދޭކަމަށްވާނަމަ އިދިކޮޅު ޓީމުން އޭގެ ފައިދާ ނަގާނެކަމަށްވެސް އާޓެޓާ ބުންޏެވެ. މިމެޗްގައި އޭނާގެ ޓީމު ފެށީ ވަރަށް ރަނގަޅަށް ކަމަަށާއި މެޗް ކޮންޓްރޯލްކޮށް ގިނަ ފުރުސަތުތަކެއްވެސް މިމެޗްގައި ތަނަވަސްކުރިކަމަށް އާޓެޓާ ބުންޏެވެ. މިއީ އަދި ހާފް ޓައިމް ކަމަށާއި ދެވަނަ ލެގްގައި ރަނގަޅަށް ކުޅެ މޮޅުވެގެން މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ދާން ވަރަށް މަސައްކަތް ކުރަންޖެހޭނެކަމަށް އާޓެޓާ ބުންޏެވެ.