ކުޅިވަރު

ބްރޫކްލިން ނެޓްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 121 ޕޮއިންޓް 109 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ އެޓީމަށް 40 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނެގި ކައިރީ އަރވިންގ ގެފަރާތުންނެވެ. އަދި ޖޭމްސް ހާޑެންވަނީ އެޓީމަށް 22 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ. މިމެޗްގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް އެޓީމަށް ހޯދައިދިން ޖޭސަން ޓެޓުމްއެވެ.

މިމުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 127 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް އެޓީމަށް ހޯދައިދިން ޓޯބިއަސް ހެރިސްއެވެ. އަދި ބުލްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދިން ޒެކް ލެވީންއެވެ. މީގެއިތުރުން މިލްވައުކީ ބަކްސްއާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 134 ޕޮއިންޓް 101 ޕޮއިންޓްގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ އެޓީމަށް 24 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 10 އެސިސްޓްކޮށްފައެވެ. އަދި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދިން އާރްޖޭ ބެރެޓްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލައިރު އެޓްލާންޓާ ހޯކްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 120 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ ހޯކްސްއެވެ. މައޭމީ ހީޓް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 111 ޕޮއިންޓް 103 ޕޮއިންޓުން ހީޓް ކާމިޔާބުކުރިއިރު ޗާލޮޓް ހޯނެޓްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 105 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ހޯނެޓްސްއެވެ.