ޚާއްސަ ހުއްދައެއްގެ ދަށުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ކޯވިޑު-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ގަތުމަށް ސަރުކާރުން ނިންމަވައިފިއެވެ. ސީރަމް އިންސްޓިޓިއުޓުން ވެކްސިން ގަތުމަށް ބޭނުންވާ ޚާއްޞަ ހުއްދަދެއްވައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ސޮއިކުރައްވައި ޤަރާރެއް ނެރުއްވާފައިވެއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ސޮއިކުރައްވައި ނެރުއްވި އެޤަރާރުގައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ލިމިޓެޑާއި ސިރަމް އިންސްޓިޓިއުޓް އޮފް ލައިފް
ސައިންސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމަވާފައިވާކަމަށެވެ.
ވެކްސިންއަކީ ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުންޖެހިފައިވާ އެއްޗަކަށް ވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތްކަން މިޤަރާރުގައި ފާހަގަކުރައްވާފައިވެއެވެ. މިކަމަށް ޚާއްސަ އުސޫލެއްގެ ދަށުން ހުއްދަ ދެއްވީ މުޅި ދުނިޔޭގައިވެސް ކޯވިޑްގެ ވެކްސިން ދޫކުރަމުންދަނީ ޕްރޮކިއުމަންޓުގެ ޚާއްޞަ އުޞޫލުތަކެއްގެ ދަށުން ކަމަށްވާތީ އަދި ކޯވިޑް-19އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމަވާފައިވާތީކަމުގައި ފިނޭންސް މިނިސްޓަރުގެ ޤަރާރުގައި ވިދާޅުވެފައިވެއެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުން ފިނޭންސް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، މިއެއްބަސްވުމުގައި ސޮއިކޮށް އެއްބަސްވުން ތަންފީޛުކުރުމަށްޓަކައި، މިކަމުގައި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ ބައެއް މާއްދާތަކަށް ޢަމަލުކުރަން ނުޖެހޭ ގޮތަށް ނިންމަވާފައިވާކަމަށް ފިނޭންސް މިނިސްޓަރު ނެރުއްވި ޤަރާރުގައި ވެއެވެ.
މިކަމުގައި ޢަމަލުކުރަން ނުޖެހޭކަމަށް ނިންމަވާފައިވަނީ މާލިއްޔަތު ޤަވާޢިދުގެ 10.43ވަނަ މާއްދާއާއި 10.52ވަނަ މާއްދާ އާއި 10.67ވަނަ މާއްދާއާއި 10.71ވަނަ މާއްދާއެވެ. މިއީ ހަމައެކަނި ސީރަމް އިންސްޓިޓިއުޓުން ވެކްސިން ގަތުމަށްޓަކައި ސޮއިކުރާ އެއްބަސްވުމުގެ މުއްދަތަށް ކަނޑައަޅައި ނިންމެވި ނިންމެވުމެކެވެ.
ޢަމަލު ކުރަން ނުޖެހޭކަމަށް ކަނޑައަޅާފައި ވަނީ، މާލިއްޔަތުގެ ޤަވާޢިދުގައި ހިމެނޭ ބީލަން ކުރުމުގެ މަރުހަލާތަކުގެ ބަޔާއި، ކޮންޓްރެކްޓް ހަވާލު ކުރުމުގެ ބަޔާއި، އެޑްވާންސަށް ފައިސާ ދިނުމުގެ ބަޔާއި، ލިކުއިޑޭޓެޑް ދެމޭޖަސް ނުވަތަ ކޮންޓެކްޓްކޮށްގެން ޙަވާލުކުރި މަސައްކަތް މުއްދަތަށްވުރެ ލަސްވުމުން ގެއްލުމުގެ އަގު ކަނޑައެޅުމުގެ ބަޔަށެވެ.
މި ޤަރާރުގައި ފާހަގަކޮށްފައިވާ މާއްދާތަކަށް ޢަމަލު ކުރަން ނުޖެހޭ ގޮތަށް ފިނޭންް މިނިސްޓަރު ނިންމަަވާފައި ވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ލިމިޓެޑާއި ސިރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރެވޭ އެއްބަސްވުމާ ގުޅޭގޮތުން އެއެއްބަސްވުމުގެ މުއްދަތަށް ކަމަސް މިނިސްޓަރުގެ ޤަރާރުގައި ބަޔާންކުރައްވާފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތުގައި އެކަންކަމާ ގުޅޭގޮތުން ޢަމަލުކުރަންވާނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާފަދައިން ކަމަށް ނިންމައި އެކަން އިޢުލާނުކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.