ޚަބަރު

ގދ. އަތޮޅުގެ ހަތަރު ރަށެއްގެ ވާރޭފެނުގެ ނިޒާމު ހިންގަން ފެނަކައާ ޙަވާލުކޮށްފި


ގދ. އަތޮޅުގެ ހަތަރު ރަށެއްގައި ސަރުކާރުން ޤާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމު ހިންގަން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. ވާރޭ ފެނުގެ ނިޒާމް ފެނަކައާ އިއްޔެ ހަވާލު ކުރި ރަށްތަކަކީ ގދ. ފިޔޯރީ، ގދ.ނަޑެއްލާ، ގދ. ރަތަފަންދޫ އަދި ގދ. ހޯޑެއްދޫއެވެ.

ގދ.ހަތަރު ރަށެއްގެ ވާރޭ ފެނުގެ ނިޒާމު ހިންގަން ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްދެއްވީ އެރަށްތަކުގައި ވަކިވަކިން އޮތް ރަސްމިއްޔާތުތަކުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަންއެވެ. ފެނަކަ ކޯޕަރޭޝަނުން މި ނިޒާމާ ރަސްމީކޮށް ޙަވާލުވެވަޑައިގަތީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ. ރަށްރަށުގައި ވާރޭފެނުގެ ނިޒާމް ޤާއިމްކުރުމުގެ މިމަސައްކަތަކީ ހޫނު މޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

ވާރޭ ފެނުގެ ނިޒާމް ފެނަކައަށް ހަވާލުކުރުމަށް އެ ރަށްތަކުގައި ބޭއްވި ރަސްމިއްޔާތުތަކުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ވާރޭ ފެނުގެ ނިޒާމް ޤާއިމްކޮށްފައިވާ ރަށްތަކުގައި ވާރޭ ފެން ރައްކާކުރާނެ ވަޞީލަތްތަކާއި ފެން ފިލްޓަރ ކުރާނެ ވަޞީލަތްތައް ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއާއެކު- ރަށުގެ ރައްޔިތުންނަށް ސާފު ވާރޭ ފެން ލިބުމުގެ ދަތިކަން ހައްލުވެގެންދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދު ދެއްކެވި ވާހަކައިގައިވަނީ ރައްކާތެރިކަމާއި ހަރުދަނާ ނިޒާމެއްގައި ފެން ފޯރުކޮށްދޭނެކަމުގެ ޔަޤީން ކަން ދެއްވާފައެވެ.

ސަރުކާރުން ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް)ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށްގެންދާ "ސަޕޯޓިންގ ވަލްނަރަބަލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް" މަޝްރޫޢުގެ ދަށުން ހުވަދުއަތޮޅު އުތުރުބުރިއާއި ދެކުނުބުރީގެ 8 ރަށެއްގައި ވާރޭފެނުގެ ނިޒާމު ޤާއިމުކޮށް ވަނީ ނިންމާފައެވެ.

މިނިޒާމުތަކަކީ މިރަށްރަށުގައި ހުންނަ ސަރުކާރު އިމާރާތްތަކާއި ސްކޫލްތަކާއި މިސްކިތްތަކުގެ ފުރާޅުން ވާރޭ ފެން ނަގައި ޖަމާކޮށް އެފެން ޓްރީޓްކޮށް، ރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ އިސްކުރު ބަރިތައް މެދުވެރިކޮށް، ރަށު ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމެކެވެ. އަދި މި ދޫކުރެވޭ ފެނަކީ އޭގެ ކޮލިޓީ ކަށަވަރުކުރެވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަޑާ އެއްގޮތަށް ދޫކުރެވޭ ފެނެކެވެ. މީގެ ސަބަބުން މި ރަށްތަކުގައި ހޫނު މޫސުމުގައި ފެނަށްޖެހޭ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިޔައް ގެންގޮސްފައިވަނީ ޔުނައިޓަޑް އަރަބި އެމިރޭޓްސްގެ ވޯޓާރ އިންޖިނިއަރިންގ ކޮމްޕެނީއާ ޙަވާލުކޮށްގެންނެވެ. މަޝްރޫޢުގެ ޑިޒައިން އެންޑް ސުޕަވިޝަން ކޮންސަލްޓެންޓުންނަކީ އިންޑިޔާގެ ޝާހް ޓެކްނިކަލް ކޮންސަލްޓަންޓެވެ. ބުރާސްފަތިދުވަހު 4 ރަށެއްގެ މިނިޒާމް ހިންގުމަށް ފެނަކައާ ޙަވާލުކރުިނަމަވެސް ޖުމުލަ 8 ރަށެއްގެ މަސައްކަތް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. ހުވަދުއަތޮޅުގެ 8 ރަށުގައި ވާރޭފެން ނިޒާމު ޤާއިމުކުރުމަށް ކޮންޓްރެކްޓްކޮށްފައިވާ ޖުމުލަ އަގަކީ ތިރީސް އަށް މިލިއަން ހަލައްކަ އެކާވީސްހާސް އަށްސަތޭކަ ހަތާވީސްހާސް ފަންސާސް ދެ ރުފިޔާއެވެ.